ރާއްޖޭގައި މަތީތައުލީމުދޭ މަރުކަޒުތައް އަލުން ރަޖިސްޓްރީކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އަންގައިފިއެވެ.
މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނާގޮތުގައި ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދާއި ދިވެހިރާއްޖޭގައި ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވައިދުގެ ދަށުން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓްރީކުރަން މިހާރު ވަނީ ހުޅުވާފައެވެ.
އިއުލާނުގައިވާ ގޮތުން މިނިސްޓްރީގައި މިހާރު ރަޖިސްޓަރީކޮށް ހިންގަމުންދާ އިންސްޓިޓިއުޓްތަކާއި ކޮލެޖްތައް، އަލަށް ގެޒެޓް ކުރި ގަވާއިދުތައް ގެޒެޓްކުރެވުނު ތާރީހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ އާކުރަން ޖެހޭ ކަމަށާއި އަލުން ރަޖިސްޓްރީ ކުރަން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.
މިމުއްދަތުގައި އަލުން ރަޖިސްޓްރީ ނުކުރާ މަރުކަޒުތަކުގެ ރަޖިސްޓްރޭޝަން ދަފްތަރުން އުނިކުރެވޭނެކަމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމާ ގުޅޭ އެންމެހާ ކަންކަމުގައި މިނިސްޓްރީއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވާނީ registration@mohe.gov.mv އީމެއިލް އަށެވެ.
މަތީ ތައުލީމުގެ ބިލު ފާސްކޮށްފައި ވަނީ މި އަހަރު އޭޕްރިލް މަހުގެ 28 ވަނަ ދުވަހު އެވެ. އެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފައި ވަނީ މޭ މަހުގެ 16 ވަނަ ދުވަހުއެވެ.

