މާރިޗު މަހު ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު މިއަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން އާންމުކުރި ތަފާތު ހިސާބުތަކަށް ބަލާއިރު، މާރިޗު މަހު ރާއްޖެއިން ވަނީ 69 މިލިޔަން ރުފިޔާގެ މަސް އެކްސްޕޯޓުކޮށްފައެވެ. މިއީ މިއަހަރު ފެބުރުވަރީ މަހު އެކްސްޕޯޓުކުރި 51 މިލިޔަން ރުފިޔާގެ މަހާ އަޅާބަލާއިރު 35 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ދަޅުގައި ބަންދުކުރި މަހުގެ ބާވަތްތަކެވެ. އެގޮތުން ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓުކުރި ކަޅުބިލަމަހުގެ މިންވަރު ވަނީ 75 އިންސައްތަ އިތުރުވެފައެވެ. ފެބުރުވަރީ މަހު 29 މިލިޔަން ރުފިޔާގައި ހުރި މި އަދަދު، މާރިޗު މަހު ވަނީ 51 މިލިޔަން ރުފިޔާއަށް އުފުލިފައެވެ.
މާރިޗު މަހު އެކްސްޕޯޓުކުރި މަހުގެ މައިގަނޑު ބާވަތްތަކަކީ:
- ދަޅުމަސް: 51 މިލިޔަން ރުފިޔާ
- ގަނޑުކުރި ކަޅުބިލަމަސް: 8 މިލިޔަން ރުފިޔާ
- ތާޒާ ކަންނެލި މަސް: 6 މިލިޔަން ރުފިޔާ
ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ހިއްސާއެއް މަހުގެ ބާވަތްތަކުން އަދާކުރާއިރު، މަސްވެރިކަމުގެ ސިނާޢަތުން އިޤްތިޞާދަށް ކުރާ އަސަރު ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި އަމާޒަށް ވާޞިލުވުމަށްޓަކައި މަސް ޕްރޮސެސްކުރާ މިންވަރާއި މަސް ރައްކާކުރެވޭނެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މަސް ޕްރޮސެސިންގ ކެޕޭސިޓީ މިހާރަށްވުރެ 9 ގުނަ އިތުރުކުރުމެވެ.

