އައްޑޫސިޓީ ފޭދޫ ސްކޫލުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ސްކޫލުގެ ލައިބްރަރީ ހުންނަ ސަރަހައްދުގައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، އަލިފާން ރޯވެފައިވަނީ ފޭދޫ ސްކޫލް ލައިބްރަރީ ބޭރުގައެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބިފައިވަނީ މިއަދު ހެނދުނު 08:20 ހާއިރުއެވެ.
ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު ހެނދުނު 08:56 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން އިތުރަށް ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށެވެ. އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

