ފ. ފީއަލީގައި ކަރަންޓްގައި ޖެހި އަނިޔާވި ދެބެންނަށް އިތުރު ފަރުވާ ދިނުމަށްޓަކައި އެ އަތޮޅު ނިލަންދުއަށް މިއަދު ގެންގޮސްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ދެމީހުން ދިރިއުޅޭ ގޭގެ ފުރާޅު ސާފުކުރުމަށްފަހު ތިރިއަށް ފައިބަން އުޅުމުގެ ތެރޭގައެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 27 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުންނަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމީހުންނަކީވެސް ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރަމުންދާ ދެ މުވައްޒަފުންނެވެ.
ފީއަލިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ދެބެން ކަރަންޓުގައި ޖެހުނީ ފުރާޅުން ތިރިއަށް ފައިބަން އުޅުމުގެ ތެރޭގައި މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި އަތްލެވުމުންނެވެ. “ގޭގެ ބޭރުން މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި އަތްލި ތަނުން ކަރަންޓުގައި ޖެހި ބިން މައްޗަށް ވެއްޓުނީ،” އެ ރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
މި ހާދިސާގައި އެކަކުގެ ކަނދުރާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އަނެކަކުގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ. ދެ މީހުންނަށްވެސް ފީއަލީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ނިލަންދުއަށް ފޮނުވާލީ މިއަދުގެ ވަގުތެއްގައެވެ.
ފުލުހުން ވިދާޅުވީ ފީއަލީ ގެއެއްގެ ފުރާޅު ސާފުކުރުމަށް އެރި ދެ މީހަކު މަގުބައްތި ހޮޅިދަނޑިއަކުން ތިރިއަށް ފައިބަނިކޮށް ކަރަންޓުގައި ޖެހި އަނިޔާވެފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

