ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު، މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް އަލުން ގުޅިވަޑައިގެން، އެ ކޮމިޓީގެ މުގައްރިރުކަމަށް މިއަދު އައްޔަންކޮށްފިއެވެ.
މިއަދު ބޭއްވި އިޖްތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި، ކުރިން އެ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި މާފަންނު ހުޅަނދު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ ވަނީ އަސްމާ އަލުން ކޮމިޓީއާ ގުޅިވަޑައިގެންފައިވާކަން އިއުލާނުކުރައްވާފައެވެ. އެއަށްފަހު މުސްތަފާ ވަނީ މުގައްރިރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މުގައްރިރަކު ހޮވުމަށް ބޭއްވި ވޯޓުގައި، އަސްމާގެ ނަން ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ އެވެ. މި ހުށަހެޅުމަށް ގަލަޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ތާއީދުކުރެއްވިއިރު، ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން އަސްމާ ވަނީ މުގައްރިރުކަމަށް އިންތިހާބުކޮށްފައެވެ.
މީގެ އިތުރުން، ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމަށް ވެސް މިއަދު ވަނީ ބަދަލު ގެނެސްފައެވެ. ކުރިން އެ މަގާމުގައި ހުންނެވި ކާށިދޫ ދާއިރާގެ މެންބަރު މުންތަސިމް އިބްރާހިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، ނައިބު މުގައްރިރުކަމަށް އައްޔަންކުރީ ކުރީގެ މުގައްރިރު މުހައްމަދު މުސްތަފާއެވެ. މުސްތަފާގެ ނަން ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޟީލްއެވެ.
އަސްމާ ރަޝީދު އިޖްތިމާއީ ކޮމިޓީން ވަކިކުރައްވާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ނަމަވެސް އެ ފަހަރު އޭނާ ކޮމިޓީން ވަކިކުރި ސަބަބެއް ޕީއެންސީން ހާމަކޮށްފައެއް ނުވެއެވެ.

