ތ. ކިނބިދޫގައި ހިނގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ، ކިނބިދޫގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ 20:40 އެހައިކަންހާއިރު ކަމަށެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ކިނބިދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، އިތުރު ފަރުވާއަށް އެ މީހާ މިހާރު ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެ މީހާއަށް ލިބިފައިވާ އަނިޔާތައް ސީރިއަސްއެއް ނޫނެވެ.
މި މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

