ސަރުކާރުން ކުރިއަށްގެންދާ “ބިންވެރިޔާ” ހާއްސަ ސްކީމަށް ތިން ވަނަ ކެޓަގަރީއެއް އިތުރުކޮށް، އެ ކެޓަގަރީގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސްކީމަކީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކާއި، އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓް ލިބިފައިވުމުގެ ސަބަބުން ކުރިން ކުރިމަތިނުލެވުނު ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ ސްކީމެކެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، އަލަށް އިތުރުކުރި ތިންވަނަ ކެޓަގަރީގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މޭ 10 ވަނަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން މޭ 31 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ސްކީމަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހާއްސަ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
މި ސްކީމްގެ ދަށުން މިހާރު ތިން ކެޓަގަރީއެއް ވަނީ ކަނޑައަޅާފައެވެ. އެއީ:
ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތައް.
ކެޓަގަރީ 2: ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުން ކުރިން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތައް.
ކެޓަގަރީ 3 (އަލަށް އިތުރުކުރި): ބިންވެރިޔާ ސްކީމުގެ ދަށުން ސިންގަލް ނުވަތަ ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި، ގޯތި ދޫކޮށްލުމަށްފަހު ވަކިން ގޯއްޗާއި ފްލެޓަށް އެދެން ބޭނުންވާ ފަރާތްތައް.
ބޯހިޔާވަހިކަމުގެ މި ސްކީމަށް އެދި ހުށަހަޅާއިރު، އުސޫލުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަކޮށް ހުށަހަޅަން ޖެހޭނެ ކަމަށް ވުޒާރާއިން ބުނެއެވެ. މިދިޔަ ޖެނުއަރީ މަހު ހުޅުވާލި ޕްރޮގްރާމްތަކުގައި، ދެމަފިރިންގެ ތެރެއިން އެކަކަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ ކުރިމަތިނުލެވޭ ގޮތަށް އޮތުމުން، އެފަދަ ފަރާތްތަކަށް ހައްލެއް ހޯދައިދިނުމަށް “ގޯތި-ގެދޮރު” ނަމުގައި ހާއްސަ ޕްރޮގްރާމެއްވެސް ވަނީ އިއުލާންކޮށްފައެވެ.

