ރާއްޖޭގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރަތަމަ ކުއާޓާގައި 2 މިލިޔަން މީހުން ޚިދުމަތް ހޯދައިފައިވާ ކަމަށް އެއެއާޕޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެއާޕޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ އެއާޕޯޓުން ގިނަ ބަޔަކު ފުރުމަށާއި، އައުމަށް ޚިދުމަތް ހޯދާފައިވެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ 2.35 މިލިޔަން މީހުން ޚިދުމަތް ހޯދި ކަމަށް ވެލާނާ އެއާޕޯޓުން ވިދާޅުވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %4 ކުރިއެރުމެކެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ ދަތުރުތަކުގައި ޚިދުމަތް ހޯދި ފަރާތްތަކާއި ޑޮމެސްޓިކް ދަތުރުތަކުގައި ޚިދުމަތް ހޯދި ފަރާތްތަކުގެ އިތުރުން ސީޕްލޭންގެ ޚިދުމަތް ހޯދި ފަރާތްތައް ހިމެނެއެވެ.
އެއާޕޯޓުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާފައިވަނީ އިންޓަރނޭޝަނަލް ދަތުރުފަތުރުގެ ޚިދުމަތަށެވެ. ފުރާމީހުންނާއި ރާއްޖެ އަންނަ މީހުން ހިމެނޭ ގޮތަށް، 1.53 މިލިޔަން މީހުން ނުވަތަ ފަސިންޖަރުން މިޚިދުމަތް ހޯދާފައިވެއެވެ. އެއާޕޯޓު މެދުވެރިކޮށް ޑޮމެސްޓިކް ދަތުރުތައް ކުރުމަށް ޚިދުމަތް ހޯދާފައިވަނީ 317،286 މީހުންނެވެ. ސީޕްލޭން ދަތުރުގެ ޚިދުމަތް ހޯދީ، 498،411 މީހުން ކަމަށް ވެލާނާ އެއާޕޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިތަފާސް ހިސާބުތަކަށް ބަލާއިރު، ފުރަތަމަ ކުއާޓާގައި އެންމެ ގިނަ ބަޔަކު އެއްދުވަހެއްގައި ޚިދުމަތް ހޯދާފައިވަނީ 11 ޖަނަވަރީގައެވެ. އެދުވަހު ވީލް ބޭސް އޮޕަރޭޝަންތަކުގެ ޚިދުމަތް 28،360 މީހުން ބޭނުންކޮށްފައިވެއެވެ. އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ މީހުން ސީޕްލޭންގެ ޚިދުމަތް ބޭނުންކުރީ، 15 ފެބްރުވަރީގައެވެ. އެދުވަހު 9،351 މީހުން އެ ޚިދުމަތް ބޭނުންކޮށްފައިވާކަން އެއާޕޯޓުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު އެގެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް 1 ބޭނުންކުރަން ފެށުމާއެކު ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް މިހާރު ވަނީ ޓާމިނަލް 2 ގެ ގޮތުގައި ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ޚާއްސަކޮށް ބޭނުން ކުރަން ފަށާފައެވެ.

