ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު، އެ އިސްލާހަކީ ހެޔޮ ނިޔަތުގައި ގެނައި ބަދަލެއްކަން ސާފުވެފައިވާ ކަމަށް ސަރުކާރު ހިންގާ ޕީއެންސީން ބުނެފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އިއްޔެ އިއްވި މި ހުކުމުގައި ބަޔާންކޮށްފައިވަނީ އެންޓި-ފެކްޝަން އުސޫލަކީ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު ނޫން، އަދި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ މައްޗަށްވެސް ހިނގާނެ ނިންމުމެއް ކަމަށެވެ.
މި ނިންމުމާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިހިވަނަ ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް ގެނައި 6 ވަނަ އިސްލާހަކީ ޑިމޮކްރެޓިކް ގައުމުތަކާއި ރިޔާސީ ނިޒާމުތަކުގައިވެސް އަމަލުކުރަމުންދާ، ގާނޫނީ ބާރުވެރިކަން ލިބިގެންވާ އުސޫލެއްކަން ކޯޓުގެ ނިންމުމުން ކަށަވަރުވެފައިވާ ކަމަށެވެ. އަދި މި އިސްލާހުގެ ސަބަބުން މަޖިލީހުގެ އިސްތިޤުރާރު ހިފެހެއްޓި، ސިޔާސީ ޕާޓީތަކުގެ ނިޒާމު ހަރުދަނާވެ، ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްވުމަށް މަގުފަހިވާނެ ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.
ސުޕްރީމް ކޯޓުގެ ނިންމެވުމަށް މަރުހަބާ ކިޔަމުން ޕީއެންސީން ބުނީ، މި އިސްލާހަކީ ރާއްޖޭގެ ސިޔާސީ ނިޒާމުގައި ހުރި ނޭދެވޭ ކަންކަން އިސްލާހުކޮށް، މަޖިލީހުގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ގެނައި މުހިންމު ބަދަލެއް ކަމަށެވެ. “ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ރާއްޖޭގެ ސިޔާސީ ނިޒާމު ހަމަޖެހުމާއި ތަރައްގީއަށް މަގުފަހިވާނެ ގޮތަށް ބައްޓަންކުރެއްވުން،” ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓުގެ ހުކުމުގައިވާ ގޮތުން، ޕާޓީ ބަދަލުކުރުން މަނާކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެސް އަސާސީ ހައްގަކަށް އުނިކަން ލިބޭނެ ކަމެއް ނޫނެވެ. އަދި މީގެ ސަބަބުން މެންބަރުންގެ އިންތިހާބީ މެންޑޭޓުގެ އަސްލަށް ބަދަލެއް ނާންނާނެ ކަމަށާއި، މީގެ ސަބަބުން މަންދޫބުންގެ ނަޒާހަތްތެރިކަން އިތުރުވެ، ރައްޔިތުންނަށް ޖަވާބުދާރީވުން ހަރުދަނާވެގެންދާނެ ކަމަށް ޕީއެންސީން ވަނީ ފާހަގަކޮށްފައެވެ.

