ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެ، މިއަހަރުގެ މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދެވަނަ ގައުމަކަށް ރަޝިއާ ވެއްޖެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޭޕްރިލް މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 786,529 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރަޝިއާއިން 100,450 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ގައުމުން އައި 79,509 ފަތުރުވެރިންނާ އަޅާބަލާއިރު %26.3 އިތުރު އަދަދެކެވެ. ރަޝިއާގެ އިތުރުން މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ %4.8 ދަށްވެފައެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ބައެއް އެއަރލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމެވެ. ނަމަވެސް، މިހާރު އެއަރލައިންތަކުން އަލުން ދަތުރުތައް ފަށަމުންދާތީ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6,600 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ:
ޗައިނާ: 116,441 ފަތުރުވެރިން
ރަޝިއާ: 100,450 ފަތުރުވެރިން
އިނގިރޭސިވިލާތް: 71,454 ފަތުރުވެރިން
އިޓަލީވިލާތް: 65,038 ފަތުރުވެރިން
ޖަރުމަނުވިލާތް: 52,555 ފަތުރުވެރިން
ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ގޮތަށް ބަލާއިރު، 776,178 ފަތުރުވެރިން ރާއްޖެ އައީ ވައިގެ މަގުންނެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ. އެއީ 766,175 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގަން އިންޓަނޭޝަނަލް އެއަރޕޯޓުން 3,245 ފަތުރުވެރިން ރާއްޖެއަށް އެތެރެވިކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކައެވެ.

