މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ ސަރުކާރުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ. މި ފަހުން ޖެޓް ފިއުލް ލީޓަރެއްގެ އަގު 1.99 ޑޮލަރަށް އުފުލިފައި ހުރި ނަމަވެސް، މިދިޔަ ހުކުރު ދުވަހުން ފެށިގެން އެ އަގު ވަނީ 1.75 ޑޮލަރަށް ދަށްކޮށްފައެވެ.
“ސަރުކާރުން ވަރަށް ބޮޑަށް އެމްއޭސީއެލްއާ އެކީގައި މަސައްކަތް ކުރައްވައިގެން ޕާ ލީޓަރަކުން 24 ސެންޓް ތިރި ކުރެވިފައިވަނީ،” ވަޒީރު އަމީން ވިދާޅުވިއެވެ. މި ބަދަލަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ލޮޅުންތަކުގެ ތެރެއިން ގެނެވުނު މުހިންމު ލުޔެކެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިވަގުތު ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް 4.8 އިންސައްތަ ދަށްވެފައިވީ ނަމަވެސް، ކުރިއަށް އޮތް ހަފްތާތަކުގައި ހާލަތު ރަނގަޅުވާނެ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. ހާއްސަކޮށް ބޮޑެތި އެއާލައިންތަކާ އެކު ކުރެވޭ މަޝްވަރާތަކުން ފާހަގަކުރެވޭ ކުރިއެރުންތައް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން، އަންނަ ޖޫން މަހުން ފެށިގެން ގަތަރު އެއާވޭސް އާއި އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ތިން ފްލައިޓަށް އިތުރުކުރުމަށް ވަނީ ޝެޑިއުލްކޮށްފައެވެ. ވަޒީރު ވިދާޅުވީ މި ބަދަލު ގެންނަނީ އެ އެއާލައިންތަކުގެ ބުކިން ސިސްޓަމުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިން އިތުރުވަމުންދާކަން ފެންނާތީ ކަމަށެވެ. މީގެ އިތުރުން، ކުރިއަށް އޮތް ސީޒަންގައި ބްރިޓިޝް އެއާވޭސްގެ އޮޕަރޭޝަންތައް 32 އިންސައްތަ އިތުރުކުރުމަށް ވެސް ވަނީ ރާވާފައެވެ.

