މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “އަދަދު” ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ތަހުގީގު ފެށިކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޙުސައިން ޝަރީފް (މުންދު) ދޮގުކުރައްވައިފިއެވެ. މުންދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ފަށާފައިވަނީ އެ ބައްދަލުވުމުގެ މާ ކުރިން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ސާބިތުނުހިފޭ ދޮގު ވާހަކަތަކެއްގެ އިލްޒާމް އެޅުވި މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް އަމުރުކުރީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންކަމަށް މުންދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ޕީޖީ އޮފީހުން ތަހުގީގު މަތިކުރީ ނޫސްވެރިން ޖިނާއީ ކުށެއް ކުރިކަމަށް އިއުތިރާފުވުމުގެވެސް މާ ކުރިން ކަމަށެވެ.
“އެމްއެމްޓީވީ”ގެ “ބޮޑު ހަބަރު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، މި މައްސަލަ ތަހުގީގު ކުރަން އެންގެވީ ރައީސުލްޖުމްހޫރިއްޔާ ނޫންކަމަށާއި، އެ ތަހުގީގު ހިނގަނީ ޕީޖީ އޮފީހުން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންނާ މަތިކުރުމުން ކަމަށެވެ. އަދި މި ތަހުގީގަކީ ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅުންހުރި ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވި ގޮތުގައި، ނޫސްމީޑިއާގެ ހައިސިއްޔަތުން “އަދަދު” ނޫހުން ކުރަމުން އަންނަ މަސައްކަތްތަކަކަށް މި ތަހުގީގުގެ ސަބަބުން ހުރަސް އެޅިފައި ނުވާނެއެވެ. “ތަހުގީގަށް ފުލުހުން ދިޔަ އިރުވެސް އެބޭފުޅުން ގެންދެވީ ނޫސްވެރިކަމުގެ މަސައްކަތް ކުރައްވަމުން. އޭގެ ފަހުންވެސް ކުރައްވާ އެބަ. ނޫސްވެރިކަމުގެ މަސައްކަތް ހުއްޓުވާކަށް ނޫޅެން އަޅުގަނޑުމެން،” މުންދު ވިދާޅުވިއެވެ.
މި މައްސަލައިގައި ހަތަރު ބޭފުޅެއްގެ ޕާސްޕޯޓު ހިފެހެއްޓީ ހެކި ހޯދުމަށް އެބޭފުޅުންނާ ސުވާލު ކުރުމަށް ބޭނުންވާތީ ކަމަށާއި، ހެކި ހޯދުމަށްފަހު މައްސަލަ ޕީޖީ އޮފީހަށް ފޮނުވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ފުލުހުން “އަދަދު” ގެ އިދާރާއަށް ވަނީ ތަހުގީގު ކުރިއަށްގެންދާތާ އެތައް ދުވަހެއް ފަހުންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

