ސަރުކާރުގެ “އެންމެންނަށް ބޯހިޔާވަހިކަން” ސިޔާސަތުގެ ދަށުން، ބ. ތުޅާދޫ އާއި ތ. ވިލުފުށިން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިރޭގެ ނިޔަލަށް ހަމަވާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ހުޅުވާލި މި ފުރުސަތު، އިތުރު މުއްދަތެއް ދިނުމަށްފަހު ބަންދުވާނީ މިރޭ 23:59 ގައެވެ. މި މަޝްރޫއުގެ ދަށުން ބ. ތުޅާދޫއިން 100 ހައުސިން ޔުނިޓް އަދި ތ. ވިލުފުށިން 100 ހައުސިން ޔުނިޓާއެކު ޖުމްލަ 200 ޔުނިޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ދެ ރަށުން ހައުސިން ޔުނިޓަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ އެ ވުޒާރާގެ “ހިޔާވަހި ޕޯޓަލް” މެދުވެރިކޮށެވެ. މި ޔުނިޓްތައް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއަކީ ރަށްރަށުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

