މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންފުލުއެންޒާ އާއި ޑެންގީ ހުން ފެތުރެމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މިދިޔަ ޖަނަވަރީ މަހުން ފެށިގެން މާލެ އާއި އަތޮޅުތެރޭގައި ބަލިތައް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އިންފުލުއެންޒާގެ އަލާމާތްތަކާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު މުޙައްމަދު ފައިސަލް ވިދާޅުވީ، ވައިރަހަކުން ފެތުރޭ މި ބަލީގެ ސަބަބުން ހުން އައުމާއި، ރޯގާ ޖެހުމާއި، ގައިގައި ރިއްސުމުގެ އިތުރުން ބޮލުގައި ރިއްސުމާއި، ލޯ ރަތްވުން އަދި ކެއްސުން ފަދަ އަލާމާތްތައް ފެންނާނެ ކަމަށެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީން ފެށިގެން މި މަހުގެ ނިޔަލަށް 2,183 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ އެންމެ 374 ކޭސްއެވެ. ޑެންގީ އެންމެ ގިނައިން ފެތުރެނީ އަތޮޅުތެރޭގައެވެ. އަތޮޅުތަކުން 1,813 ކޭސް ރިޕޯޓުކޮށްފައިވާއިރު، މާލެއިން ރިޕޯޓުކޮށްފައިވަނީ 370 ކޭސްއެވެ.
މީގެ އިތުރުން، އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ މާޗު މަހުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 21,687 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ފަރުވާ ހޯދާފައިވާ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ.
ބަލިތަކުން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭ އިން ވަނީ ބައެއް މުހިންމު ކަންކަމަށް ސަމާލުކަން ދިނުމަށް އެދިފައެވެ. އޭގެ ތެރޭގައި: ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން، ބަލީގެ އަލާމާތް ހުރިނަމަ ނުވަތަ މީހުން ގިނަ ތަންތަނުގައި މާސްކް އެޅުން، އަދި ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން ހިމެނެއެވެ. މީގެ އިތުރުން ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
އެޗްޕީއޭ އިން އިތުރަށް އިލްތިމާސްކޮށްފައިވަނީ، ހުން އައިސް ނުވަތަ ރޯގާޖެހި ތިން ދުވަހަށް ވުރެ ގިނަ ދުވަސްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ. އަދި އަމިއްލަ ސާފުތާހިރުކަމަށް އިސްކަންދީ، އެކަކު އަނެކަކަށް ބަލި ފެތުރުން ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެ އެޖެންސީން ވަނީ އެދިފައެވެ.

