ފަސޭހަކަމާއެކު މެދުނުކެނޑި ދިވެހިންނަށް ބޭސް ލިބޭނެ ގޮތް ހެދުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލްސްގެ ހިދުމަތްތައް އަވަސްކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން މާލެ އާއި ރާއްޖޭގެ އެކި ސިޓީތަކުގައި އެ ކުންފުނީގެ ހާއްސަ ބޭސް ފިހާރަތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، ސްޓޭޓް ފާމަސޫޓިކަލްސްއާ ހަވާލުކޮށްގެން ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ. އަދި ރައްޔިތުންނަށް ދަތިނުވެ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އައިޖީއެމްއެޗްގައި ސްޓޭޓް ފާމަސީއެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
“އައިޖީއެމްއެޗްގައި އެބަ ހެދޭ ފާމަސީއެއް، އެ ފާމަސީ މެދުވެރިވެގެން، އެކި މީހުންނަށް ބޭނުންވާ ބޭސް، ބޭސް ސިޓީ ދިނީމަ ގެނެސްދޭނެ،” ވަޒީރު ވިދާޅުވިއެވެ. ކުރިން އެސްޓީއޯއިން ކުރަމުން އައި މި މަސައްކަތް ސްޓޭޓް ފާމަށް ބަދަލުވުމާއެކު، މިހާރު އަމާޒު ހިފާފައިވަނީ ބޭސް ސިޓީ ލިބޭތާ 14 ދުވަސް ތެރޭގައި ބޭސް ގެނެސްދިނުމަށެވެ. މީގެ އިތުރުން ބޭނުންވާ މައުލޫމާތު ދިނުމަށް ހާއްސަ ހޮޓްލައިނެއްވެސް ވަނީ ގާއިމްކޮށްފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްޓޭޓް ފާމާގެ ހިދުމަތް ދިނުމަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީގައި މި ހިދުމަތް ގާއިމްކުރެވުމުން، ބޭސް ލިބުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހިދުމަތާ ގުޅޭ މައުލޫމާތު ހޯދުމަށާއި ބޭހަށް އެދުމަށްޓަކައި 1505 ނަންބަރުގެ ހޮޓްލައިނެއް ވަނީ ތައާރަފްކޮށްފައެވެ. މި ހޮޓްލައިން މެދުވެރިކޮށް 24 ގަޑިއިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް މައުލޫމާތު ސާފުކުރެވޭނެއެވެ. މި އާ އިންތިޒާމުތަކާއެކު ބޭސް ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް ހައްލުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

