ކޮންމެ ހަފުތާއެއްގައިވެސް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ޚާއްސަ ޕްރޮގްރާމެއް ފައްޓަވައިފިއެވެ. “ޕްރެސަރ ވިތު ދަ ސްޕޮކްސް” ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ.
މި ޕްރޮގްރާމް ފައްޓަވައިދެއްވައި ތަރުޖަމާނު ވިދާޅުވީ، މާލޭގައި ހުންނަވާ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން، ނޫސްވެރިން މަސައްކަތް ކުރަމުންދާ ޚަބަރުތަކަށް ސަރުކާރުން ބޭނުންވާ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ މި ބައްދަލުވުންތަކުގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. “ތިބޭފުޅުން ފައިލް ކުރަމުންދާ ސްޓޯރީތަކަށް ސަރުކާރުގެ ރައުޔެއް، ނުވަތަ މައުލޫމާތެއްވިޔަސް ނުވަތަ ސްޓެޓިސްޓިކެއްވިޔަސް ނޫނިއްޔާ އަޅުގަނޑުގެ ސައުންޑް ބައިޓެއް ބޭނުންވިޔަސް އަޅުގަނޑު މިއުންމީދުކުރަނީ ތިބޭފުޅުންގެ މަސައްކަތަށް މި ބައްދަލުވުން ވެގެންދާނީ ފަސޭހައަކަށޭ،” ތަރުޖަމާނު ވިދާޅުވިއެވެ.
މި ބައްދަލުވުންތައް ގާތްގަނޑަކަށް 55 މިނެޓަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ވީހާވެސް ގިނަ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާނެ ކަމަށާއި، އިތުރު މައުލޫމާތު ބޭނުންވާނަމަ އެ މައުލޫމާތުވެސް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ސޯޝަލް މީޑިއާގެ ވަސީލަތްތައްވެސް ބޭނުންކުރާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެގޮތުން “ދަފީޑް.އެމްވީ” (thefeed.mv) ގެ ނަމުގައި އިންސްޓަގްރާމް އަދި ޓިކްޓޮކް އެކައުންޓްތައް ތަޢާރަފުކޮށް، ސަރުކާރުގެ މަޝްރޫއުތަކުގެ އެންމެފަހުގެ އަދާހަމަ މައުލޫމާތު އެ ވަސީލަތްތަކުން ހިއްސާކުރަމުންދާނެއެވެ.

