މިހާތަނަށް އެއްވެސް ތަހުގީގަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައިވަނީ ފުލުހުންގެ އިދާރާއަކީ ދާހިލީ ވަޒީރުގެ ބެލުމުގެ ދަށުން ހިނގާ މުއައްސަސާއަކަށް ވީނަމަވެސް، އެއްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވުމުގެ ބާރު ވަޒީރަށް ލިބިގެން ނުވާ ކަމަށެވެ. އަދި “އައިޝާ” ޑޮކިއުމެންޓަރީގެ ތަހުގީގަކީ މިނިވަން ތަހުގީގަކަށް ހެދުމަށްޓަކައި ހާއްސަ އިންވެސްޓިގޭޓަރަކާ އެ މަސައްކަތް ހަވާލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ވަޒީރު އިހްސާން ވިދާޅުވީ ތަހުގީގުތަކަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިގެން ނުވާތީ އެ ބާރު ބޭނުން ނުކުރައްވާ ކަމަށެވެ. އަދި “އަޅުގަނޑު މަގާމުގެ މަސްއޫލިއްޔަތު އަދާކުރަނީ މަނިކުފާނު އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ގޮތަކަށް ނޫން” ކަމަށް ވިދާޅުވެ ވަޒީރު ވަނީ ޑރ. އަހުމަދު އަބްދުﷲ ދީދީއަށް ބަހުގެ ހަމަލާއެއް އަމާޒުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށް “އަދަދު” ނޫހުން އާންމުކުރި “އައިޝާ” ވީޑިއޯގެ މައްސަލައިގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އޮފީހަށް ވަދެފައެވެ. ވަޒީރު އިހްސާން މީގެ ކުރިން ވިދާޅުވެފައިވަނީ ފުލުހުންގެ މި މަސައްކަތަކީ ނޫސްވެރިކަމަށް ހަމަލާދިނުން ނޫން ކަމަށާއި، އެއީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތްކުރުން ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭ އެއްޗެއް ކަމަށާއި، އެއީ ދޮގު ފެތުރުމަށް އޮތް ފުރުސަތެއް ނޫން ކަމަށެވެ. މި މައްސަލައިގައި ފުލުހުން ކުރަމުންދާ ތަހުގީގަކީ ގާނޫނުއަސާސީ ނެގެހެއްޓުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

