ރާއްޖޭގެ ޖަލުތަކުގެ ނިޒާމު އިސްލާހުކޮށް، ގައިދީންނަށް އަމާޒުކޮށްގެން ހިންގާ ރިހެބިލިޓޭޝަން މަޝްރޫއުގެ ދަށުން ތަރައްގީކުރާ "ހޯޕް އައިލެންޑް" ނުވަތަ އޯޕަން ޕްރިޒަން އައިލެންޑަށް ޕްރިޒަން އޮފިސަރުން ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއުލާންކޮށްފިއެވެ. މި އޮފިސަރުން ހޯދަނީ މާފުށި ޖަލާއި، އައްސޭރި ޖަލުގެ އިތުރުން އަލަށް ތަރައްގީކުރާ އޯޕަން ޕްރިޒަން އައިލެންޑަށެވެ.
ކަރެކްޝަންސް އިން ކުރި އިއުލާނުގައިވާ ގޮތުން، ޕްރިޒަން އޮފިސަރު ޓްރޭނީންގެ މަގާމަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ ގޮތުގައި 6,050 ރުފިޔާ އަދި މަގާމުގެ އެލަވެންސްގެ ގޮތުގައި 5,555 ރުފިޔާ ލިބޭނެއެވެ. މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސްޕަވައިޒަރެއްގެ އިރުޝާދުގެ ދަށުން ޖަލުތަކުގެ އަމަންއަމާންކަން ބެލެހެއްޓުމާއި ޖަލުގެ މަސައްކަތްތަކުގައި ބައިވެރިވުމެވެ.
މި މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން މެއި މަހުގެ 14 ވަނަ ދުވަހުގެ 18:00 ގެ ކުރިން މައި އެމްސީއެސް (My MCS) ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ. މިއީ ގައިދީން އަނބުރާ މުޖުތަމައަށް ނެރުމަށް ހިންގާ ހާއްސަ މަޝްރޫއުގެ ދަށުން ބޭނުންވާ އިންސާނީ ވަސީލަތްތައް ގާއިމުކުރުމަށް ކުރެވޭ މަސައްކަތެކެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް "އޯޕަން ޕްރިޒަން" ކޮންސެޕްޓަށް ތަރައްގީކުރާ މި ރަށުގެ އުމްރާނީ މަސައްކަތްތައް މިއަހަރުގެ މެދުތެރޭގައި ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. މިހާރު މި ރަށުގެ މަސައްކަތްތައް ވަނީ ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރެވިފައެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއަހަރުގެ ނިޔަލަށް އެ ރަށަށް ގައިދީން ބަދަލުކުރަން ވަނީ ޕްލޭން ކުރެވިފައެވެ. މި ރަށަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިމަމް ސެކިއުރިޓީ ދޭންޖެހޭ ކުދި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ ފަރާތްތަކެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ގައިދީންނަށް ދަނޑުވެރިކަމާއި އެކި ކަހަލަ މަސައްކަތްތައް ދަސްކޮށްދީ، އެމީހުންނަކީ މުޖުތަމައަށް ބޭނުންތެރި، މަސައްކަތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމެވެ. މިއީ ޖަލުތަކުގެ ތޮއްޖެހުން ކުޑަކޮށް، ގައިދީން އިސްލާހުކުރުމަށް ސަރުކާރުން ގެންގުޅޭ މުހިންމު ސިޔާސަތެކެވެ.

