“ޓެކްސީ ނަފާ” ލޯން ސްކީމްގެ ދަށުން ލޯނު ލިބިފައިވާ ބައެއް ފަރާތްތަކާ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމަކީ އެ ފަރާތްތަކުން ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ދެނެގަތުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުވުން ބޭއްވުމަށް ނިންމެވީ މިނިސްޓަރު ސައީދަށް އެޑްރެސްކުރައްވައި މީސްމީޑިއާގައި ޝާއިޢުކުރި ސިޓީއަކާ ގުޅިގެންނެވެ. މި ބައްދަލުވުމުގައި ޓެކްސީ ނަފާ ލޯން ސްކީމްގެ ދަށުން ލޯނު ލިބިފައިވާ ފަރާތްތަކުގެ އިތުރުން، ކަމާގުޅުންހުރި އިދާރާތަކުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު ވަނީ މި ލޯން ސްކީމާ ގުޅިގެން އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ވަރަށް ގާތުން އަޑުއައްސަވައިފައެވެ. އަދި މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަކީ ދިވެހި ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން ރައްޔިތުންގެ ހުރި މިފަދަ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިނިސްޓްރީން އަބަދުވެސް ކުރަމުންދާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

