ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ދާއިމީކޮށް ހައްލުކުރުމަށްޓަކައި ސަރުކާރުން މައިގަނޑު 2 މަސައްކަތެއް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ ސަރުކާރުން ސިލްސިލާކޮށް ބޭއްވުމަށް ނިންމާފައިވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުމުގައި ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ތަރުޖަމާނު ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މުއައްސަސާތަކުގެ ހިންގުން އިސްލާޙުކުރުމާއި، ކަރަންޓު އުފެއްދުމަށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ. ޚާއްޞަކޮށް ފެނަކަ ކޯޕަރޭޝަން ފަދަ ކުންފުނިތަކުން ވާރުތަވެފައިވާ މާލީ ބޮޑެތި ދަރަނިތަކާއި ހިންގުމުގެ މައްސަލަތައް ހައްލުކުރުމަށް އިދާރީ އޮނިގަނޑަށް ބަދަލުތައް ގެންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކަރަންޓުގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވީ ހިނދު، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރަކީ ރާއްޖޭގައި ސޯލާ ހަކަތަ ބޭނުންކުރާ ނިސްބަތް އިތުރުކުރުން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. “ދުނިޔޭގެ ކަންކަން ހިނގަމުންދާގޮތަށް ބަލާއިރު މުސްތަޤުބަލަށް ވިސްނަވާ ރައީސްވަނީ ރާއްޖޭގައި ސޯލާ ބޭނުންކުރާ ނިސްބަތް އިތުރުކުރުމަށް ނިންމަވާފައި. އޭގެދަށުން ބައެއް މަޝްރޫޢުތައް ފެށިފައިވާއިރު ބައެއް މަޝްރޫޢުތައް ފެށުމަށްވެސްވަނީ ތައްޔާރުވެފައި،” ތަރުޖަމާނު ވިދާޅުވިއެވެ.
ރަށްރަށުގެ އާބާދީ އިތުރުވަމުންދާ މިންވަރާ ގުޅޭގޮތަށް ކަރަންޓުގެ ޑިމާންޑް އުފުލެމުންދާއިރު، ގިނަ ރަށްތަކެއްގައި ހުރީ މީގެ އެތައް އަހަރެއް ކުރީގެ ބާ ނެޓްވޯކްތަކެއްކަން ސަރުކާރުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން އިންޖީނުތައް ބަދަލުކުރި ނަމަވެސް ފެންވަރު ރަނގަޅު ޚިދުމަތެއް ކަށަވަރުކުރުމަށް ހުރަސްތަކެއް ހުރިކަމަށް ސަރުކާރުން ބުނެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ދުވަސްވީ ކަރަންޓު ނެޓްވޯކްތައް އަޕްގްރޭޑްކުރުމާއި، އައު އިންޖީނުގެތައް ބިނާކުރުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި މިހާރު ދަނީ ކުރިއަށެވެ.
މީގެ އިތުރުން، އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ހައި ސްޕީޑް ޖެނެރޭޓަރުތަކުގެ ބަދަލުގައި ލޯ ސްޕީޑް ޖެނެރޭޓަރުތައް ބޭނުންކުރުމަކީ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ފެނަކައިން މީގެ ކުރިން ބުނެފައިވެއެވެ. ސަރުކާރުން ޔަޤީންކަން ދެއްވާ ގޮތުގައި މިހާރު ކުރިއަށްދާ މި މަސައްކަތްތައް ނިމުމުން، ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

