ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްގެ ފަރާތުން ދިވެހިރާއްޖެއަށް ދީފައިވާ 40 ސްކޮލަރޝިޕްގެ ފުރުޞަތަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން މާސްޓާސް ޑިގްރީއަށް ކިޔެވުމަށް 30 ޖާގަ އަދި ޕީއެޗްޑީއަށް ކިޔެވުމަށް 10 ޖާގަ ވަނީ ކަނޑައަޅާފައެވެ.
މި ސްކޮލަރޝިޕްތަކުގައި ކިޔެވޭނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން އޮފަރކުރާ އެކި ދާއިރާތަކުންނެވެ. މިނިސްޓްރީން ބުނި ގޮތުގައި، ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް، ފައިނަލް ސެލެކްޝަން ހަދާނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ. މި ފުރުޞަތުގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން، މެޑިކަލް އިންޝުރެންސް އަދި ސްޓައިޕެންޑް ހަމަޖައްސައިދޭނީ ކޯސް އިންތިޒާމްކުރާ ފަރާތުންނެވެ.
ކެންޑިޑޭޓުން ކިޔަވަންދާނެ ޔުނިވަރސިޓީއާއި ކިޔަވަންޖެހޭ ބަހެއް އެނގޭނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން ޕްލޭސްމަންޓް ހަމަޖެހުމުންނެވެ. ބައެއް ޔުނިވަރސިޓީތަކުގައި މުޅި ކޯސް ޗައިނީޒް ބަހުން ކުރިއަށް ގެންދަން ޖެހިދާނެ ކަމަށާއި، އެފަދަ ހާލަތްތަކުގައި އެކެއް ނުވަތަ ދެ އަހަރު ދުވަހުގެ ޗައިނީސް ލެންގްއޭޖް ކޯހެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވި، ލޯނު އެގްރީމެންޓްގައި ސޮއިނުކުރާ ފަރާތްތަކަށް ވެސް ފުރުޞަތު އޮންނާނެއެވެ. ނަމަވެސް މި ސްކޮލަރޝިޕަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަން ޖެހޭނެއެވެ. އަދި އެހެން ސްކޮލަރޝިޕަކަށް މިހާރުވެސް ނޮމިނޭޓްވެފައިވާ ފަރާތްތަކަށް މި ފުރުޞަތަށް ނޮމިނޭޓެއް ނުކުރެވޭނެއެވެ.
މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 11 މޭ 2026 ވާ ހޯމަ ދުވަހުގެ 13:30 އެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ މިނިސްޓްރީގެ “ކުރި” ޕޯޓަލް މެދުވެރިކޮށެވެ. ނޮމިނޭޓްވާ ކެންޑިޑޭޓުން ޗައިނީޒް ސްކޮލަރޝިޕްގެ އޮންލައިން އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތައް 14 މޭ 2026 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.

