މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން މިއަދު އައްޔަނުކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، އެމްޕީއެލްގެ ބޯޑުގައި ކުރިން ހުންނެވި ހ. އާހަމަ، އިބްރާހިމް ޒިޔަތު އެ މަޤާމުން ވަކިކުރައްވައި، ލަމްޢާން އެ މަޤާމަށް އައްޔަނުކުރެއްވީ މިއަދުން ފެށިގެންނެވެ.
މުޙައްމަދު ލަމްޢާނަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގެވުމުގެ ދާއިރާގައި ވަރަށް ބޮޑު ތަޖުރިބާއެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު އެންމެ ފަހުން އަދާކުރެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމެވެ. އެ މަޤާމުގައި ހުންނަވައިގެން ރާއްޖޭގެ މައި އެއަރޕޯޓުގެ އޮޕަރޭޝަންތައް ހަރުދަނާކުރުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.
މީގެ އިތުރުން ލަމްޢާން ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި، މިފްކޯގެ ޗީފް ހިއުމަން ރިސޯސް އޮފިސަރު އަދި ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަޤާމު ފަދަ އިސް މަޤާމުތައް ފުރުއްވާފައެވެ. ކޯޕަރޭޓް ގަވަރނަންސް އާއި ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް އެމަނިކުފާނު ވަނީ ކުންފުނިތަކަށް ކޮށްދެއްވާފައެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ލަމްޢާން ވަނީ ޔުނިވަރސިޓީ އޮފް ކޮލަމްބޯއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލުކުރައްވާފައެވެ. އަދި މެނޭޖްމަންޓާއި ލީޑަރޝިޕްގެ ދާއިރާއިން ގިނަ އަދަދެއްގެ ފަންނީ ތަމްރީނުތައްވެސް އެމަނިކުފާނު ވަނީ ފުރިހަމަކުރައްވާފައެވެ.

