އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ޒާހިދު މަޤާމުން އިސްތިއުފާ ދެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފްގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.
މުޙައްމަދު ޒާހިދު މަޤާމުން އިސްތިއުފާ ދެއްވި ނަމަވެސް، އެކަން ކުރެއްވި ވަކި ސަބަބެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. ޒާހިދު އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަނުކުރެއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
ކޮމިޝަންގެ މެންބަރު ކަމަށް އައްޔަނުކުރެއްވުމަށްފަހު، ޒާހިދު ވަނީ އެ ކޮމިޝަންގެ ނާއިބު ރައީސްކަން ވެސް ކުރައްވާފައެވެ. އަދި އޭގެ ފަހުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ވަނީ ކޮމިޝަންގެ ރައީސްގެ މަޤާމަށް އައްޔަނު ކުރައްވާފައެވެ.
މުޙައްމަދު ޒާހިދަކީ މީގެ ކުރީން ވެސް ދައުލަތުގެ މިނިވަން މުއައްސަސާތަކުގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނާއިބު ރައީސްގެ މަޤާމު ވެސް އޭނާ ވަނީ ކުރިން އަދާކުރައްވާފައެވެ.

