ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި މިއަދު ޚާއްސަ ހިނގާލުމެއް ބާއްވައިފިއެވެ. މި ހިނގާލުމަށް އާންމުންނާއި މުއައްސަސާތަކުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
މި ހިނގާލުން ކުރިއަށްދިޔައީ މާލޭގެ އާޓިފިޝަލް ބީޗް ސަރަޙައްދުން ފެށިގެން މަޖީދީމަގުން ގޮސް ރަސްފަންނާ ހަމައަށެވެ. މި ހަރަކާތުގައި ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ވަޒީފާދޭ ފަރާތްތަކާއި، ޓްރޭޑް ޔޫނިއަންތައް އަދި ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ. މީގެއިތުރުން ސަރުކާރުގެ ބައެއް ވަޒީރުންވެސް ވަނީ މި ހިނގާލުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.
މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ ޝިއާރަކީ “އިޙްތިރާމް، ބަލައިގަތުން، ޙައްޤުތައް” އެވެ. މި ޝިއާރުގެ ދަށުން ހުރިހާ މަސައްކަތްތެރިންނަށް އިޙްތިރާމްކުރުމާއި، އެފަރާތްތަކުގެ ހިއްސާ ބަލައިގަތުމުގެ އިތުރުން މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ މުހިންމުކަމަށް ބާރުއަޅާފައިވެއެވެ. ހިނގާލުން ނިންމާލި ރަސްފަންނު ސަރަޙައްދުގައި ވަނީ މަސައްކަތްތެރިންނަށް މައުލޫމާތާއި ޚިދުމަތްދޭ ބޫތުތަކެއްގެ އިތުރުން ޚާއްސަ މައުރަޒެއްވެސް ކުރިއަށް ގެންގޮސްފައެވެ.
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމެއް ކުރިއަރައި ދިއުމުގައި މަސައްކަތްތެރިންވާ ޤުރުބާނީގެ އަގު ވަޒަންކުރުމެވެ. ދުނިޔޭގެ ފެންވަރުގައި މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1889 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖޭގައި މި ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަން ފެށީ 2006 ވަނަ އަހަރުއެވެ.
ރާއްޖޭގައި މިދުވަސް ފާހަގަކުރަން ފެށިފަހުން 19 އަހަރު ފާއިތުވެފައިވާއިރު، ސަރުކާރުން ގެންދަވަނީ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން މަސައްކަތްތެރިންގެ މެދުގައި ހޭލުންތެރިކަން އިތުރުވެ، އިޖުތިމާއީ އަދުލުވެރިކަން ކަށަވަރުކުރުމަށް މަގުފަހިވެގެންދާނެއެވެ.

