އެމް.ޓީ.ސީ.ސީ ޓީމާއި ގުޅިގެން 25 ހާސް ރުފިޔާގެ މުސާރައެއް ހޯދުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.
މިއަދު ހެދުނު ބޭއްވުނު ރަސްމިއްޔާތެއްގައި ނޭޝަނަލް އެޕްރެންޓިޝިޕް ޕްރޮގްރާމުގެ ދަށުން ޒުވާނުން ތަމްރީނު ކުރުމަށް އެމްޓީސީސީން ޔޫތު މިނިސްޓްރީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލްއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީ ޓީމާއެކު މަސައްކަތްކޮށް މަހެއްގެ މައްޗަށް 25 ހާސް ރުފިޔާ ގެޔަށް ގެންދިޔުމުގެ ފުރުސަތު ޒުވާނުންނަށް އެބައޮތް ކަމަށާއި މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން 30 ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ބޭނުންވާ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު އެމްޓީސީސީން ފަހިކޮށްދޭނެ ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ ދިވެހި ޒުވާނުންނަށް ޓަކައި އެމްޓީސީސީގެ ތެރޭގައި އެފަދަ މުހިއްމު ފުރުސަތުތައް ހުޅުވާފައިވާއިރު، އެ ހިސާބަށް ދާން ހިތްވަރާއެކު މަސައްކަތްކުރާ މަންޒަރު ނުފެންނާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މުރާލިކަމާއެކު މަސައްކަތް ކޮށްފިނަމަ 25،000 ރުފިޔާގެ މުސާރައެއް ގެއަށް ގެންދަން ލިބޭނެ ކަމަށެވެ.
ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާ ކުރިޔަށް ގެންދާއިރު ކޮންމެ ބައިވެރިއަކަށް ވެސް 3،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށާއި އަދި ރަށުން ބޭރު، ސައިޓެއްގައި މަސައްކަތްކުރާ ނަމަ ހުރުމާއި ކެއުމުގެ އިތުރުން ދަތުރުގެ ހަރަދު ވެސް ހަމަޖައްސައިދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މި އެޕްރެންޓިޝިޕް ޕްރޮގްރާމަކީ ޔޫތް މިނިސްޓްރީ އާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމެންޓް އޮތޯރިޓީ އާއި ޓިވެޓް އޮތޯރިޓީ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

