އިސްރާއީލާއި، އެމެރިކާ އަދި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އައިސްފައިވާ ލޮޅުމާ ގުޅިގެން، ޓްރާންސް މޯލްޑިވިއަން އެއަރވޭޒް (ޓީއެމްއޭ) އިން މުވައްޒަފުންގެ މުސާރަ ވަގުތީ ގޮތުން ކުޑަކުރުމަށް ނިންމައިފިއެވެ. މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަމަށް މިކަމުގެ ނޭދެވޭ އަސަރު ކޮށްފައިވަނީ މެދުއިރުމަތީގެ މަގުތަކުން ދަތުރުކުރާ އެއަރލައިންތަކުގެ ފްލައިޓްތައް ކެންސަލް ކުރުމާ ގުޅިގެންނެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭ އިން ބުނި ގޮތުގައި، މި ހަމަނުޖެހުންތައް ފެށުނު ފަހުން ފަތުރުވެރިން އަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ކުންފުނިން ބުނި ގޮތުގައި ފަތުރުވެރިން މަދުވުމުގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަންތަކަށް ވަނީ ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ކުރިންވެސް ކުންފުނިން ވަނީ ޒަރޫރީ ނޫން ޚަރަދުތައް ކުޑަކޮށް، ކެޕިޓަލް އެކްސްޕެންޑިޗަރ މަދުކޮށްފައެވެ. ނަމަވެސް، އެ ފިޔަވަޅުތަކުން އެކަނި ކުންފުންޏަށް ލިބޭ މާލީ ގެއްލުން ފޫނުބެއްދޭ ކަމަށް މެނޭޖްމަންޓުން ފާހަގަކުރެއެވެ.
މި ހާލަތަށް ރިއާޔަތްކޮށް، ޓީއެމްއޭ އިން ނިންމާފައިވަނީ 1 މެއި 2026 އިން ފެށިގެން ވަގުތީ ގޮތުން މުސާރަ ކުޑަކުރުމަށެވެ. މި ބަދަލު ފުރަތަމަ ތިން މަސް ދުވަހަށް، އެބަހީ ޖުލައި 2026 ގެ ނިޔަލަށް ދެމިއޮންނާނެއެވެ. ނަމަވެސް، ފަތުރުވެރިން އަންނަ މިންވަރު 2025 ވަނަ އަހަރުގެ މިންވަރަށް އިއާދަވެއްޖެނަމަ، ތިން މަސް ހަމަނުވިޔަސް މުސާރަ ކުރީގެ މިންވަރަށް ބަދަލުކުރާނެ ކަމަށް ކުންފުނިން ބުނެއެވެ.
މި ނިންމުމާ ގުޅޭގޮތުން މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި ޓީއެމްއޭ އިން ބުނީ، “މުސާރައަށް މިގެނެވޭ ބަދަލުގެ ސަބަބުން މުވައްޒަފުންނާއި އާއިލާތަކަށް ކުރާނެ އަސަރު ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ” ކަމަށެވެ. ނަމަވެސް މި ފިޔަވަޅަކީ ވަޒީފާތައް ދަމަހައްޓައި، ކުންފުނީގެ ޓީމު ބައިބައިވިޔަނުދީ މި ދަތި އުނދަގޫ ވަގުތުން އަރައިގަތުމަށް އެޅި ކޮންމެހެން ބޭނުންތެރި ފިޔަވަޅެއް ކަމަށް ކުންފުނިން ބުނެއެވެ.
ޓީއެމްއޭގެ މެނޭޖްމަންޓުން ވަނީ މި ދަނޑިވަޅުގައި މުވައްޒަފުން ދައްކަމުންދާ ކެތްތެރިކަމާއި ފަންނީ ހުނަރަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ބަދަލުގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުން ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.

