މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ކޯޕަރޭޝަން (މިފްކޯ) ގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މުހައްމަދު އަނަސް އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރި ގޮތުގައި، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް ގއ. ދެއްވަދޫ، ދޭލިޔާގެ، މުހައްމަދު އަނަސް ވަނީ އައްޔަނު ކޮށްފައެވެ.
މިފްކޯގެ އިސް މަގާމަށް ބަދަލެއް މި އައީ، ކުރިން އެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް (ރޓ) ފަރުހަތު ޝަހީރު މި މަހުގެ 12 ވަނަ ދުވަހު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އަނަސް މިފްކޯގެ ސީއީއޯ ކަމަށް އައްޔަންކުރެއްވިއިރު، އޭނާ އެންމެ ފަހުން ހުންނެވީ ޕީސީބީގެ ރައީސްކަމުގެ މަގާމުގައެވެ. އަނަސް އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީސީބީގެ ރައީސްކަމަށް މުހައްމަދު ނިޒާރު އައްޔަންކުރައްވައިފައެވެ.
މުހައްމަދު އަނަސް އަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި، ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކުގެ އިތުރުން މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިން ތަޖުރިބާކާރު ބޭފުޅެކެވެ. ޕީސީބީގެ ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ބަލައި މޮނިޓާކުރުމުގެ މުހިންމު ޒިންމާތަކެއް އޭނާ ވަނީ އަދާކުރައްވައިފައެވެ.

