ށ. މިލަންދޫގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ނިމުމަކާ ގާތްވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ހައުސިން، އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު ވިދާޅުވި ގޮތުގައި، އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބޮސްކާލިސް ކުންފުނީގެ، 35,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި "ކުއިން އޮފް ދަ ނެދަލޭންޑްސް" ޑްރެޖަރު ބޭނުންކޮށްގެންނެވެ. ނާޝިދު ފާހަގަކުރެއްވި ގޮތުގައި، މި އެއާޕޯޓު މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު ވައުދުގެ ތެރޭގައި ހިމެނޭ، ރަށުގެ ތަރައްގީއާ ސީދާ ގުޅިފައިވާ މަޝްރޫއެކެވެ.
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮކްޓޯބަރު 15 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް މީގެ ކުރިން ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވާކަން ފާހަގަކުރެވެއެވެ.
ރައީސް ޑރ. މުއިއްޒު މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވެފައިވަނީ، 30 މަސް ނުވަތަ ދެ އަހަރާއި ބައިގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމައި އޮޕަރޭޝަނަށް ގެނެވޭނެ ކަމުގެ 100 އިންސައްތަ ޔަގީންކަން އެބައޮތް ކަމަށެވެ. "ރަށުގައި ކުރަން ހުރި ކަންތައްތަކުގެ ތެރެއިން އެކަކުން 10 އަށް ވެސް އޮތީ އެއާޕޯޓު" ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެއާޕޯޓު މަޝްރޫއުގެ އިތުރުން، މިލަންދޫގެ ތަރައްގީއަށް މުހިންމު އެހެން މަޝްރޫއުތަކެއްގެ އެއްބަސްވުންތަކުގައި ވެސް ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި 50 ހައުސިންގ ޔުނިޓު ގާއިމުކުރުމާއި، މިލަންދޫ ފޭސް 2 ގެ މަގުތައް ހެދުމާއި، ސްޕޯޓްސް ކޮމްޕްލެކްސްގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހިމެނެއެވެ.

