ރ. ހުޅުދުއްފާރަކީ ކުދި އާބާދީތައް އެއްފަސްވެ އެކުގައި މަސައްކަތް ކުރުމުން ޙާޞިލްކުރެވޭނެ ކުރިއެރުމާއި ތަރައްޤީ ދައްކުވައިދޭ އަލިގަދަ މިސާލެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ރ. އުނގުލާއި އެ އަތޮޅު އުނޑޫދޫގެ ރައްޔިތުން އެ އަތޮޅު ހުޅުދުއްފާރަށް ބަދަލުކުރިތާ 31 އަހަރު ފުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، 1995 ވަނަ އަހަރު އެ ދެ ރަށުގެ އާއިލާތައް ހުޅުދުއްފާރަށް ބަދަލުވުމުން ލިބިގެންދިޔަ ކުރިއެރުމަކީ އެ އާއިލާތަކުން ނުހަނު ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި އާބާދީއާއި ތަރައްޤީ އެއްފަސް ކުރުމަކީ ރާއްޖޭގެ މުސްތަޤުބަލު އުޖާލާ ކުރުމަށް ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
“ހުޅުދުއްފާރަކީ ކުދި އާބާދީތައް އެއްފަސްވެ އެކުގައި މަސައްކަތް ކުރުމުން ޙާޞިލްކުރެވޭނެ ކުރިއެރުމާއި ތަރައްޤީ ދައްކުވައިދޭ އަލިގަދަ މިސާލެއް،” ވަޒީރު ވިދާޅުވެފައިވެއެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްޣައްޔޫމްގެ ވެރިކަމުގައި މި ދެ ރަށުގެ ރައްޔިތުން އެއްފަސްކުރުމަކީ އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާއެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 55 ރަށެއްގައި 500 އަށްވުރެ މަދު މީހުން ދިރިއުޅެއެވެ. މިފަދަ ކުދި އާބާދީތަކަށް އަސާސީ ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކަށް އޮތް އެންމެ ފަހި ހައްލަކީ އާބާދީ އެއްފަސްކުރުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ހުޅުދުއްފާރުގެ މި ކާމިޔާބު ތަޖުރިބާއަކީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް އާބާދީ އެއްފަސްކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ލިބޭ ހިތްވަރެއްކަން ވަޒީރުގެ ވާހަކަފުޅުން ވަނީ ހާމަވެފައެވެ.

