ސައުދީ އަރަބިއްޔާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާސިމް އަލް ހަކީމް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބާއްވާ އެންމެ ފަހު ދަރުސް މިރޭ ތިނަދޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ދަރުސް ދިނުމަށްޓަކައި ޝައިހް އާސިމް މިއަދު ވަނީ ތިނަދޫ ސިޓީއަށް ވަޑައިގެންފައެވެ.
ތިނަދޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސްގެ މައުޟޫއަކީ “ރެއިޒިން ދަ ނެކްސްތް ޖެނެރޭޝަން އޯޕަން އިސްލާމް” އެވެ. މި ދަރުސް ކުރިއަށްދާނީ މިރޭ 20:30 ގައި ތިނަދޫ ސްކޫލު ހޯލުގައެވެ.
މިއީ ރާއްޖޭގެ ފަސް ސިޓީއަކަށް ހާއްސަކޮށްގެން ފެށި ދަރުސް ސިލްސިލާގެ އެންމެ ފަހު ހަރަކާތެވެ. މި ޕްރޮގްރާމްގެ ދަށުން ޝައިހް އާސިމް ވަނީ މީގެ ކުރިން މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށީ ސިޓީގައި ދަރުސް ދެއްވާފައެވެ. ކޮންމެ ސިޓީއަކުންވެސް ޝައިހްގެ ދަރުސްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
މި ދަރުސް ޕްރޮގްރާމަކީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ “ދަ ޓްރެވެލާ” އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ޝައިހް އާސިމް އަލް ހަކީމަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނީ އެކި ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ.

