މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީސް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ހުޅުވާލައިފިއެވެ. މި ދުވަސް ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 31 ވަނަ ދުވަހެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ މަސްވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހިތްވަރުދީ ތަރުހީބު ދިނުމެވެ. މިއީ ކޮންމެ އަހަރަކުވެސް ސަރުކާރުން ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ މުހިންމު ދުވަހެކެވެ.
ފިޝަރީސް މިނިސްޓްރީން ބުނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 31 މެއި ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށެވެ. މި ފޯމުތައް ހުށަހަޅަންޖެހެނީ ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް އެ މިނިސްޓްރީއަށެވެ.
މި ދުވަސް ފާހަގަކުރުމަށް ރަށެއް ކަނޑައެޅުމުގައި އެ މިނިސްޓްރީން ބަލާނެ މުހިންމު މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި އެ ރަށެއްގެ މަސްވެރިކަމުގެ ހާލަތަށާއި، ދުވަސް ފާހަގަކުރުމަށް ބާއްވާ އެކި ހަރަކާތްތައް ހިންގުމަށް އެ ރަށެއްގައި ހުރި ފުރުސަތުތަކާއި ވަސީލަތްތަކަށް ބަލާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، މިއީ ރަށްރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ރޫހު އާލާކުރުމަށް ލިބޭ ބޮޑު ފުރުސަތެކެވެ.

