ރާއްޖޭގައި ހުރި މީހެއްގެ ކާޑު ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭގޮތް ހަދައި، ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ޚާއްސަ ކާޑެއް ތަޢާރަފުކުރުމަށް ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ނޫސްވެރިންނާ ބައްދަލުކުރައްވައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފެވެ.
ސީއީއޯ ޝަރީފް ވިދާޅުވީ މި ފިޔަވަޅުތައް އަޅަން ނިންމީ ބޭންކުން ޑޮލަރު ގަންނަން ލިބޭ މިންވަރަށްވުރެ ޑޮލަރު ވިއްކޭ އަދަދު އިތުރުވެފައިވާތީ، ހުރިހާ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ހަމަހަމަކަމާއެކު ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ވިޔަފާރިކުރުމާއި އޭޓީއެމްތަކުން ފައިސާ ނެގުން ފަދަ ކަންކަން ފާހަގަކުރެވިފައިވާތީ، އެކަން ހުއްޓުވުމަކީ މީގެ މައިގަނޑު މަގުސަދެވެ.
މި އައު އިންތިޒާމުތައް ތަންފީޒުކުރާނީ ބީއެމްއެލް އާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަނެއްގެ ދަށުންނެވެ. ޝަރީފް ވިދާޅުވީ، “ބައެއް ފަރާތްތަކުން އެހެން ބޭފުޅުންގެ ކާޑު ހިތްޕަވައިގެން އޭޓީއެމުންވެސް ފައިސާ ނަންގަވައޭ. އަދި ވިޔަފާރިކުރަންވެސް ބޭނުންފުޅު ކުރައްވައޭ. އެހެންވީމަ މިކަންތައްތައް ހުއްޓިގެންދާނެ،” ކަމަށެވެ.
ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އަމިއްލަ ކާޑެއް ނެތް ކުދިންނަށް، ބެލެނިވެރިޔާ ރާއްޖޭގައި ހުރި ނަމަވެސް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. މީގެ އިތުރުން، އެފަދަ ދަރިވަރުންނަށް ޚާއްސަކޮށްގެން ވަކި ލިމިޓެއް ކަނޑައެޅިފައިވާ ކާޑެއް ތަޢާރަފުކުރުމަށްވެސް ބޭންކުން ވަނީ ނިންމާފައެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް 1200 ޑޮލަރާ ހަމައަށް ލިމިޓް ކަނޑައެޅިފައިވާ ކާޑު ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މި މަސައްކަތްތައް މުޅިން ނިމެންދެން، މިހާރު ގެންގުޅޭ ކާޑުތައް އެއްވެސް ދަތިކަމެއް ނެތި ބޭނުންކުރެވޭނެ ކަމުގެ ޔަގީންކަންވެސް ބޭންކުން ވަނީ ދީފައެވެ.
ދަރިވަރުންނަށް ޚާއްސަ ކާޑު ތަޢާރަފުކުރުމުން، ކިޔަވާ ކުދިންނަށް އިތުރު ލުއިތަކާއި ފައިދާތައް ލިބިގެންދާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ފާހަގަކުރެއްވިއެވެ.

