21 ވަނަ އޭޝިއާ މީޑިއާ ސަމިޓުގެ ބައެއް ހަރަކާތްތައް ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކުރިއަށްގެންދިޔުމަށް ނިންމައި، އެކަމުގެ ތައްޔާރީތައް ފަށައިފިއެވެ. ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ހޮސްޓުކުރާ މި ސަމިޓު ކުރިއަށްދާނީ މިމަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާ ރިސޯޓުގައެވެ.
މިއަހަރުގެ ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުންނެވެ. މި ސަމިޓުގެ އެންމެފަހުގެ ތައްޔާރީތައް ބެލުމަށް ޕީއެސްއެމްގެ ޓީމަކާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޓީމެއް ވަނީ ކުޑަގިރިއަށް ޒިޔާރަތްކޮށްފައެވެ.
ޕީއެސްއެމްގެ ބިޒްނަސް ޑިވެލޮޕްމަންޓް އެގްޒެކެޓިވް އައިޝަތު ލިވާ ޒިޔާދު ވިދާޅުވީ، މިފަހަރުގެ ސަމިޓުގައި 35 ގައުމަކުން 200 އެއްހާ މަންދޫބުން ބައިވެރިވާނެ ކަމަށެވެ. އަދި ސަމިޓުގެ ފަހު ދުވަސް ކަމަށްވާ މިމަހުގެ 14 ވަނަ ދުވަހަކީ އެކްސްކާޝަން ޑޭގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަސް ކަމަށާއި، އެ ދުވަހުގެ ހަރަކާތްތައް ކުރިއަށްދާނީ އެޗްޑީސީއާ ގުޅިގެން ކުޑަގިރީގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮރަލް ޕްލާންޓިން އެކްޓިވިޓީއެއް ސަމިޓްގެ އެކްސްކާޝަން ޑޭގެ ތެރެއިން ހިމެނޭނެ. މިއަދު ޕީއެސްއެމްއާއި އެޗްޑީސީ ޓީމްއިން ކުޑަގިރިއަށް ދިޔައީ އަޕްޑޭޓްތައް ބެލުމަށް،" ލިވާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ރީތިކަން ދައްކުވައިދޭ މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައްވެސް އެ ދުވަހު އޮންނާނެއެވެ.
އެޗްޑީސީގެ ސީއެސްއާރް ޕްރޮޖެކްޓް މެނޭޖަރު އަހުމަދު ޝާމިލް ވިދާޅުވީ، ކުޑަގިރި ކައިރިއަށް ފައްތާފައިވާ ފްލައިޓުތަކުގެ ދެމެދުގައި "އަންޑަވޯޓާ ޓާމިނަލް" އެއް އުފެއްދުމުގެ މަސައްކަތް ރޭވިފައިވާ ކަމަށެވެ. މީގެ ފުރަތަމަ ފިޔަވަހީގެ ދަށުން 50 މުރަކަ ފްރޭމް އިންދުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތުގައި ކައިރި ރިސޯޓުތަކާއި، ޖަމިއްޔާތަކުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއާއި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވާނެއެވެ.
އޭޝިއާ މީޑިއާ ސަމިޓަކީ އޭއައިބީޑީން އިންތިޒާމުކޮށްގެން ބްރޯޑްކާސްޓަރުންނާއި މީޑިއާ ދާއިރާގެ ތަޖުރިބާކާރުން އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ މުހިންމު ބައްދަލުވުމެކެވެ.

