ދިވެހިރާއްޖޭގައި ހުރި ތާރީޚީ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށްޓަކައި ހުށަހަޅަންޖެހޭ ޑޮސިއާ ތައްޔާރުކޮށް ޔުނެސްކޯއަށް ހުށަހަޅާފައިވާކަމަށް ސަގާފަތާއި ފަންނާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު ހީނާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތަައް ހިމެނުމަށް ބޭނުންވާ ނޮމިނޭޝަން ފައިލު ތައްޔާރުކޮށް ޔުނެސްކޯއަށް ހުށަހަޅާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތާރީޚު ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ތަރިކައިގެ ލިސްޓަށް ހުށަހަޅާފައިވާ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ
- މާލޭ ހުކުރު މިސްކިތް،
- ހއ. އިހަވަންދޫ ހުކުރު މިސްކިތް،
- ރ. މީދޫ ބާ މިސްކިތް،
- އދ. ފެންފުށީ ހުކުރު މިސްކިތް
- ލ. އިސްދޫ އާސާރީ މިސްކިތް
ރާއްޖޭގެ ހިރިގަލު ވަޑާމަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ފަންނީ މަސައްކަތެއްގެ ގޮތުގައި މާހިރުން އިއްތިފާގުވެއެވެ.
މި މަސައްކަތުގެ ދަށުން، އާސާރީ ތަންތަނާއި ތަކެތި ހިމާޔަތްކުރުމަށް ހާއްސަ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ކައުންސިލް އޮން މޮނިއުމެންޓްސް އެންޑް ސައިޓްސް (އައިކޮމޯސް)ގެ ޓީމެއް މިއަހަރުގެ ސެޕްޓެންބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
“އެހެންވީމާ އަޅުގަނޑުމެން މިހާރު ކުރަމުންދާ މަސައްކަތަކީ އެބޭފުޅުން ރާއްޖެއަށް، މިޓީމު އަންނަންވާއިރަށް ކުރަންޖެހޭ އިދާރީ ގޮތުން ވާންޖެހޭ ބައެއް ކަހަލަ މުހިއްމު ތައްޔާރީތައްވުން. އެބޭފުޅުން ރާއްޖެ އައިސް މި މިސްކިތްތަކަށް ޒިޔާރަތްކޮށް އެތަންތަން ހުރި ނެތް ގޮތް ބަލައި އެބޭފުޅުންގެ ޓީމުން މޮނިޓާކުރުމަށްވަނީ ހަމަޖެހިފައި،” ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޔުނެސްކޯއާ ގުޅިގެން މާނަވީ ސަގާފީ ތަރިކައާ ބެހޭ މުހިއްމު ކޮންވެންޝަނެއް މި މަހުގެ 5 އިން 6 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ވެސް ވަޒީރު ހީނާ ވަލީދު ވަނީ ހާމަކުރައްވާފައެވެ.

