ނޫސް މަޖައްލާތައް ރަޖިސްޓްރީކުރުމަށް އުސޫލެއްގެ ތެރެއިން ފީއެއް ނެގުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ނިންމައިފިއެވެ. މިއީ މީޑިއާތަކުގެ ބަލަދުވެރި ފަރާތުން ނޫސްތަކާއި މަޖައްލާތައް ރަޖިސްޓްރީކުރުމަށް އަލަށް ތައާރަފްކުރި ފީއެކެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްއެމްބީސީގެ ޑިރެކްޓަރ ބްރޯޑްކާސްޓް ރެގިއުލޭޝަން އިބްރާހިމް އަޝްރަފް ވިދާޅުވީ، ނޫސްތަކާއި މަޖައްލާތައް ރަޖިސްޓްރީކުރުމަށް ފީއެއް ނެގުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. މީގެކުރިން ރާއްޖޭގައި ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް އެއްވެސް ފީއެއް ދައްކާކަށެއް ނުޖެހެއެވެ.
އަޝްރަފް ވިދާޅުވި ގޮތުގައި ކޮމިޝަނުން މި ފީ ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ މީޑިއާތައް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިއަށްގެންދާ ތަންތަންކަމުގައި ހެދުމެވެ. އެގޮތުން ނޫސްތައް ރަޖިސްޓްރީކުރާއިރު 5,000 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ. އަދި ނޫހެއް ރަޖިސްޓްރީކޮށްދޭނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މަޖައްލާތަކުގެ ރަޖިސްޓްރޭޝަނާ ގުޅޭގޮތުން އަޝްރަފް ވިދާޅުވީ، މަޖައްލާއެއް ރަޖިސްޓްރީކުރުމަށް ނަގާނީ 3,750 ރުފިޔާ ކަމަށެވެ. މީގެ އިތުރުން، ކޮންމެ ރަޖިސްޓްރޭޝަނަކަށް 100 ރުފިޔާގެ ޕްރޮސެސިން ފީއެއްވެސް ނަގަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީޑިއާ ކޮމިޝަނުން މިހާރު ވަނީ ނޫސް މަޖައްލާތައް ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ހުޅުވާލާފައެވެ. މި ދަފްތަރުގައި ރަޖިސްޓްރީވެ، ކަންކަން ފުރިހަމަކުރުމަށް މީޑިއާތަކަށް ހަ މަސްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

