ބީއެމްއެލްއިން ބޭރު ފައިސާ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކޮށް ފައިސާ ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގާއިމުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.
ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މި އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް ޓީޓީ ހެދުމަށް އެކަނިވެސް 136 މިލިއަން ޑޮލަރު ދޫކުރެވިފައިވާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ކާޑުތަކުން ކުރި މުއާމަލާތްތަކަށް 160 މިލިއަން ޑޮލަރު ދޫކުރެވިފައިވާކަމަށެވެ. ބޭންކަށް ގަންނަން ލިބޭ ޑޮލަރުގެ އަދަށްވުރެ ކާޑުތަކާއި އެހެނިހެން ހިދުމަތްތަކަށް ބޭންކުން ވިއްކާ ޑޮލަރުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމެވެ. އެހެންކަމުން ހަމަހަމަކޮށް ރައްޔިތުންގެ ޒަރޫރީ ކަންކަމަށް ޑޮލަރު ދޫކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށެވެ.
ޝަރީފު ފާހަގަކުރެއްވީ ބީއެމްއެލްއާއި އިމިގްރޭޝަންގެ މެދުގައި ގާއިމުކުރެވޭ ޑިޖިޓަލް އިންޓަގްރޭޝަން ނުވަތަ ޑިޖިޓަލް ނިޒާމުތައް ލާމެހިލުމެއްގެ ތެރެއިން، ރާއްޖެއިން ބޭރުގައި ޕީއޯއެސް މެޝިންތަކާއި އޭޓީއެމް މެޝިންތަކުގައި ޑެބިޓް އަދި ކްރެޑިޓްް ކާޑު ބޭނުންކުރެވޭނީ ކާޑުގެ ވެރި ފަރާތް ރާއްޖެއިން ބޭރުގައި ހުންނަ ހާލަތުގައި އެކަނި ހަމަޖެއްސުމެވެ.
"ޕީއޯއެސްގަައި އަދި އޭޓީއެމްތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓު ހަމައެކަަނި ރާއްޖެއިން ބޭރުގައި އެކްޓިވްވާ ގޮތަށް ހަމަޖެއްސުން. އޭގެ މާނައަކީ ރާއްޖޭގައި އެބޭފުޅަކު ހުންނަވާއިރު ރާއްޖެއިން ބޭރުގައި ހުންނަ އޭޓީއެމަކުން ޕީއޯއެސްއަކުން ބޭނުންނުކުރެވޭނޭ،" ޝަރީފު ވިދާޅުވިއެވެ.
ރާއްޖޭގައި ކާޑުގެ ވެރިމީހާ ހުރެމެ އެ މީހާގެ ކާޑު ހިފައިގެން ބޭރަށް ގޮސް މީހުން ކާޑުތައް ބޭނުންކުރަމުންދާ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މި ނިންމުން މިގޮތަށް ނިންމި ކަމުގައިވިޔަސް ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ 18 އަހަރު ނުފުރޭ ކުދިންނަށް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރަން ދީފައި އޮތްނަމަ އެކުއްޖަކަށް ސްޓޫޑެންޓު ކާޑު ދޫކުރާނެއެވެ. އެ ކާޑު ލިބެންދެން ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެއެވެ. ސްޓޫޑެންޓު ކާޑުގެ ލިމިޓު އާއްމު ކާޑުތަކުގެ ލިމިޓަށްވުރެ ބޮޑުވާނެކަން ޝަރީފު ފާހަގަކުރެއްވިއެވެ.
ޝަރީފު ވިދާޅުވީ ވިޔަފާރީގެ ބޭނުމަށް ބައެއް މީހުން ވަރަށް ގިނަ އަދަދަކަށް އަމިއްލަ ބޭނުމަށް ދޫކުރެވިފައިވާ ރުފިޔާ ކާޑުތައް އޮންލައިން ސައިޓުތަކުން މުދާ ގަންނަން ބޭނުންކުރާތީ އެކަމަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ވިއްކުން އިތުރުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ގިނަ ރައްޔިތުންނަށް ބޭރު ފައިސާ ވިއްކުމަށް ހުންނަ ބޭރު ފައިސާ މަދުވެއެވެ. އެ ސަބަބަށްޓަކައި ކޮންމެ ދުވަހެއްގައި ސައިޓުތަކުން ވިޔަފާރިކުރުމަށް ދޫކުރެވޭނެ ބޭރު ފައިސާގެ އަދަދު ކަނޑައެޅިގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
އީކޮމާސް ވެބްސައިޓުތަކުން މަހެއްގެ މައްޗަށް ތިރީހަށްވުރެ ގިނަ މުއާމަލާތްކުރަނީ ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން އެންމެ ތިން އިންސައްތަ މީހުންނެވެ. އެ ސަބަބަށްޓަކައި މަހެއްގެ މައްޗަށް އީކޮމާސް ވެބްސައިޓުތަކުން ކަސްޓަމަރަކަށް ހިންގޭނީ ގިނަވެގެން 30 މުއާމަލާތް ކަމަށް ބޭންކުންވަނީ ކަނޑައަޅާފައެވެ.
ޑޮލަރު އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ހޭދަކުރުމުގައި ފޮރިން ސްޕެންޑު ލިމިޓެއް ނޯންނާނެއެވެ. އަދި މިއަދުން ފެށިގެން އެކަކު ގެންގުޅޭ ގިނަ ކްރެޑިޓު ކާޑުތަކުން ފީ ނެގުމުގައި އަމަލުކުރާނެ އުސޫލަކީ އެއްް ކާޑުން ފީ ނެގުންކަމަށްވެސް ބޭންކުން ހަމަޖައްސާފައިވާކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

