ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނުރާ ކުމަރަ ޑިސަނަޔަކޭގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ލީޑަރުން ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރާއްޖެއާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ރުހުން ދީފައެވެ. މީގެ ތެރޭގައި ދިފާއީ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތަކާއި ރިސާޗް ހެދުމުގެ އެއްބަސްވުމެއް ހިމެނެއެވެ.
މީގެ އިތުރުން، ތައުލީމީ ދާއިރާއިން ޓީޗަރުންނާއި ސްކޫލް ލީޑަރުން ތަމްރީނު ކުރުމަށް ދެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ. ސިއްހީ ދާއިރާއިން ރާއްޖޭގެ ހެލްތް މިނިސްޓްރީއާއި ލަންކާގެ ފެމިލީ އެންޑް ވެލްފެއާ އަދި ޔުނިވާސިޓީ އޮފް ކޮލަމްބޯއާ ދެމެދު ވެސް އެއްބަސްވުމެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.
ދެ ގައުމުގެ އިގްތިސާދީ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ވެސް ހާއްސަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ވެސް އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް މި ދަތުރުފުޅުގެ ތެރޭގައި ކުރިއަށްދާނެއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުއެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

