ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށްމެ ޚާއްސަވެފައިވާ ތާރީޚާއި ސަގާފީ ކަންކަން ދިރުވައި އާލާކޮށް ބެލެހެއްޓުމަށްޓަކައި، ކޮންމެ ރަށަކުން 10 ތަރިކަވެރިން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ތާރީޚާއި ސަގާފަތާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ތަރިކަ ދިރާސާކުރާ މަރުކަޒުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، “ދޫދޫމަތިން ހަނދާން އެއްކުރުމުގެ މަޝްރޫޢު” ނުވަތަ ނެޝަނަލް ޕްރޮޖެކްޓް ފޯ އޯރަލް ހިސްޓްރީ ކަލެކްޝަންގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ މުއްސަނދި ތާރީޚާއި ސަގާފަތް އަންނަން އޮތް ޖީލުތަކަށް އޭގެ އަސްލު ނުގެއްލޭ ގޮތަށް ފޯރުކޮށްދިނުމެވެ.
ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ލިޔެވިފައިވާ ތާރީޚުގެ އިތުރުން ދޫދޫމަތިން ކިޔައިދެވޭ ވާހަކަތަކާއި މީހުންގެ ހަނދާންތައް އެއްކުރުމުގެ ސަގާފަތެއް ދިވެހިންގެ މެދުގައި އަށަގެންނެވުމަކީ މި މަސައްކަތުގެ މުހިންމު ބައެކެވެ. މިގޮތުން ރަށްރަށުގެ ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ މެދުގައިވެސް މިފަދަ ހަނދާންތައް ރިކޯޑްކުރުމުގެ ޤާބިލްކަން އިތުރުކުރުމަށް މަސައްކަތް ކުރެވޭނެއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރުވެސް ކޮންމެ ރަށަކުން 10 މީހުން ތަމްރީނު ކުރަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މި ފަރާތްތަކުގެ ސަބަބުން ރަށްރަށުގައި ހިނގާފައިވާ ތާރީޚީ ހާދިސާތަކާއި ދިރިއުޅުމުގެ އާދަކާދަތައް ދިރުވައި އާލާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ތަރިކަވެރިން އުފެއްދުމުގެ ޤައުމީ މަޝްރޫޢަށް އަލިއަޅުވާލައްވަމުން ހީނާ ވިދާޅުވީ، “މި މަޝްރޫއުގެ ދަށުން ތަމްރީނު ކުރެވޭ ފަރާތްތަކަކީ އެ ރަށެއްގެ ތަރިކައިގެ ބަލަދުވެރިންގެ ގޮތުގައި ވެގެންދާނެ” ކަމަށެވެ. މި މަޝްރޫޢުގެ ދަށުންވެސް ކޮންމެ ރަށަކުން 10 މީހުން ތަމްރީނުކޮށް، އެ ރަށެއްގެ ތާރީޚީ އަދި ސަގާފީ މުއްސަނދިކަން ދެނެގަނެ، އެތަކެތި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޒިންމާ އެ ފަރާތްތަކާ ޙަވާލުކުރެވޭނެއެވެ.

