މާލޭގެ މަގުތައް ތަރައްގީކުރުމުގެ ބޮޑު މަޝްރޫޢުގެ ޑިޒައިން މަސައްކަތްތައް ކުރުމަށްޓަކައި ޗައިނާގެ ޚާއްޞަ ޓީމެއް މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫޢެކެވެ.
މަޝްރޫޢުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މިހާރު މި މަޝްރޫޢުގެ ފީޒަބިލިޓީ ސްޓަޑީޒް ނިމި، ސާވޭ އާއި ޑިޒައިންގެ މަސައްކަތް ކުރާނެ ފަރާތެއް ޗައިނާ ސަރުކާރުން މިހާރު ވަނީ ހޮވާފައެވެ. މި މަހު ރާއްޖެ އަންނަ ޓީމުން ކުރިއަށްގެންދާނީ މަގުތަކުގެ ސާވޭއާއި ޑިޒައިން ކުރުމުގެ އަމަލީ މަސައްކަތްތަކެވެ.
މަޝްރޫޢު ލަސްވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ، ޗައިނާގެ ހިލޭ އެހީގައި ހިންގާ މަޝްރޫޢުތަކުގައި ފީސިބިލިޓީ، ސާވޭ، ޑިޒައިނިން އަދި ކޮންސްޓްރަކްޝަންގެ ކަންކަން ކުރިއަށްގެންދަނީ ވަކިވަކިން ޓެންޑަރކޮށްގެން ކަމަށެވެ. “މިއީ އެ ޤައުމުގެ އުސޫލުތައް ހުންނަ ގޮތް، ހިލޭ އެހީގެ ބޭނުން ހިފާއިރު އެ ޤައުމެއްގެ ޕްރޮކިއުމަންޓް އުސޫލުތަކަށް ތަބާވާންޖެހޭނެ،” ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ވަނީ ރޭވިފައެވެ. އެގޮތުން މަޝްރޫޢު ދެ ބަޔަކަށް ބަހާލައިގެން މަޖީދީ މަގާއި އެހެނިހެން މަގުތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޑިޒައިން މަސައްކަތް ނިމުމުން، އަމަލީ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޮވުމަށް ޗައިނާ ސަރުކާރުން އަލުން ޓެންޑަރ ކުރާނެއެވެ.
މާލޭގެ މަގުތަކުގެ އިތުރުން، ޖަޕާން ސަރުކާރުގެ އެހީގައި މާލޭގެ އިރުމަތީ ފަރާތު ތޮށި މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށްވެސް ތައްޔާރުވަމުންދާކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ. އަދި މިފަދަ ބޮޑެތި މަޝްރޫޢުތަކަކީ އެކި މަރުހަލާތަކަށް ބަހާލެވިގެން ކުރިއަށްދާ މަސައްކަތްތަކެއް ކަމަށާއި، އެއްވެސް ސަރުކާރަކުން މި މަސައްކަތް ލަސްކުރަން މަސައްކަތް ނުކުރާ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

