ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް އަލްކޮހޯލް ނުވަތަ ބަނގުރާ ސާވްކުރަން ރާވަމުންދާ ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފިއެވެ.
މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ އެއާލައިންގެ ދަތުރުތަކުގައި ބަނގުރާ ފޯރުކޮށްދޭން އުޅޭ ކަމަށް ބުނެ ދައުރުވަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި މިފަދަ ކަމެއް ކުރުމަށް އެ ކުންފުނިން އެއްވެސް އިރަކު ރާވާފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.
މީސްމީޑިއާގެ އެކި މަންސަތަކުގައި މި ވާހަކަ ފެތުރެން ފެށުމާ ގުޅިގެން، ކުންފުނިން ވަނީ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ މީހުންނަށް އެކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. “މައުލޫމާތަކީ ހަގީގަތެއް ނެތް ދޮގު މައުލޫމާތެއް ކަމުގައި ދަންނަވަމެވެ. މިފަދަ މައުލޫމާތުތައް ފެތުރުން ހުއްޓާލުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރަމެވެ،” މޯލްޑިވިއަންގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ބުނެފައިވެއެވެ.
މޯލްޑިވިއަނުން އިތުރަށް ބުނެފައިވަނީ ކުންފުންޏާ ގުޅޭ ސައްހަ މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ރަސްމީ މަންސަތައް ބޭނުންކުރުމަށެވެ. އަދި ދޮގު ހަބަރު ފަތުރައިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

