ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ހަތް ދާއިރާއަކުން މިއަދު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ކުރައްވާ މި ދަތުރުފުޅުގައި ބޭއްވި މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެމްއޯޔޫތަކުގައި ސޮއިކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. މި އެއްބަސްވުންތަކަކީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށްޓަކައި ލަންކާގެ ވަޒީރުންގެ މަޖިލީހުން ވެސް ރުހުން ދީފައިވާ ކަންކަމެވެ.
ސޮއިކުރެވުނު ދާއިރާތައް:
މިއަދު ސޮއިކުރެވުނު ހަތް އެމްއޯޔޫގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާ، އާކައިިވިން ކޯޕަރޭޝަން، ޓީޗަރުންނާއި ސްކޫލް ލީޑަރުން ތަމްރީން ކުރުމާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް، ކުޅިވަރާއި ޒުވާނުންގެ ދާއިރާ، ދިފާއީ ދާއިރާ، ޑިފެންސް އެޑިއުކޭޝަން، ޓެރެއިނިން އެންޑް ރީސާޗް ކޯޕަރޭޝަން އަދި އެކަޑަމިކް ކޯޕަރޭޝަން އެވެ.
މި ރަސްމިއްޔާތުގެ ކުރިން ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުންނަށް ލަންކާގެ ރައީސް އޮފީހުގައި ވަނީ ރަސްމީކޮށް މަރުހަބާ ދަންނަވައިފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އަރުވައި، ރަސްމީ ކުރުނީހެއް އަރުވާފައިވެއެވެ. އަދި ދެ ގައުމުގެ ގައުމީ ސަލާމް ކުޅުމަށްފަހު، ދެ ގައުމުގެ އިސް ބޭފުޅުން ވަނީ ތައާރަފްވެވަޑައިގެންފައެވެ.
އިއްޔެ ފެއްޓެވި މި ފުރަމާނަ ދަތުރުފުޅު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ރައީސްގެ އަރިހުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

