ށ. މިލަންދޫގައި ތަރައްޤީކުރާ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ. މި މަޝްރޫއުގެ ދަށުން އެއާޕޯޓު ތަރައްޤީ ކުރުމަށް ބޭނުންވާ 25.90 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވަނީ ކަނޑައެޅިފައިވާ ތާވަލަށްވުރެ މާ ކުރިންނެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މުހައްމަދު ނާޝިދު ވިދާޅުވީ، މި މަސައްކަތް ހަލުވި ދުވެލީގައި ނިންމާލެވުމަކީ މި ސަރުކާރަކީ ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދައި، ނަތީޖާ ނެރެދޭނެ ސަރުކާރެއްކަން ދަލީލުކޮށްދޭ ސާފު ހެއްކެއް ކަމަށެވެ. މިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ބޮސްކާލިސް ކުންފުނީގެ، 35,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި "ކުއިން އޮފް ދަ ނެދަލޭންޑްސް" ޑްރެޖަރު ބޭނުންކޮށްގެންނެވެ.
މިލަންދޫ އެއާޕޯޓް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ "މިލަންދުއަށް ވީ އެންމެ ބޮޑު ވައުދަކީ އެއާޕޯޓެއް އަޅައިދިނުން" ކަމަށާއި، މި މަސައްކަތް ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އެއްކޮށް ނިންމާލާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ. އެއާޕޯޓު އެޅުމަށްޓަކައި ރަށުގެ ބަނދަރު އޮތް ތަން ބަދަލުކުރަން ޖެހޭތީ، ބަނދަރު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާނެ އެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ މި މަޝްރޫއު ފެށީ ކުރިޔާލައި ކަންކަން ތަރުތީބުކޮށް އިންތިޒާމުތައް ހަމަޖައްސައިގެން ކަމަށްވާތީ، އެއްވެސް މަޑުޖެހުމެއް ނެތި މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެއްވި ނަމަވެސް، މިހާރު ވަނީ އެއަށްވުރެ އަވަހަށް ބިން ހިއްކައި ނިންމާލާފަ އެވެ.

