ސްރީލަންކާގެ ބޮޑުވަޒީރު، ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް މެހުމާންދާރީ އާއި ފަތުރުވެރިކަން، ޞިއްޙަތު، ތަޢުލީމު، އަދި ތަމްރީން ފަދަ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާ ގުޅުންހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ ޢަޒުމް ދެ ބޭފުޅުންވެސް ވަނީ އާކުރައްވާފައެވެ.
ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރު ސްރީލަންކާއަށް އެރި ސައިކްލޯން ޑިޓްވާގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް އެ ޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތާރީފުކުރައްވާފައެވެ. މީގެ އިތުރުން، ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުންނާއި، ސްރީލަންކާގައި ދިރިއުޅޭ ދިވެހިން އެ ޤައުމުތަކުގެ ތަރައްޤީއަށް ކޮށްދެމުންދާ އަގުހުރި ޚިދުމަތްތައް ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި މަހުގެ 3 އިން 6 އަށް ކުރިއަށްދާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

