ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ގުޑް މާކެޓްގެ އޮފީހަށް ޒިޔާރަތް ކުރައްވައިފިއެވެ. މި ޒިޔާރަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނުގެ އަނބިކަނބަލުންގެ ރަސްމީ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ޒިޔާރަތެކެވެ.
ގުޑް މާކެޓްގެ ފަރާތުން އިންތިޒާމުކުރި މި ޒިޔާރަތުގައި، ކޮލަންބޯގެ ޒަމާންވީ “ދި 80 ކްލަބު އޮފް ކޮލަންބޯ” ގައި ކުރިއަށް ދިޔަ އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް ދައްކާލާ މައުރަޒެއް އެކަމަނާ ބައްލަވާލެއްވިއެވެ. މި މައުރަޒުގައި ދެމެހެއްޓެނިވި ގޮތުގައި ތައްޔާރުކުރާ ކާބޯތަކެއްޗާއި، ދުޅަހެޔޮކަމާ ގުޅޭ އުފެއްދުންތަކާއި، ޒިންމާދާރު ގޮތުގައި ތައްޔާރުކުރެވޭ އަންނައުނުގެ އިތުރުން މުޖުތަމަޢުގެ ލާބައަށް ހިންގާ ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކާލާފައިވެއެވެ.
މި ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވިޔަފާރިވެރިންނާ ސީދާ ބައްދަލުކުރައްވައި، އައު ވިޔަފާރިތައް ތަރައްޤީކޮށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ދެމެހެއްޓެނިވި ގޮތުގައި އިޖުތިމާޢީ މަންފާއަށް ވިސްނުމާއި، އެކިއެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެ އިތުރުން، އަންހެނުން އިސްވެ ހިންގާ ވިޔަފާރިތައް ބާރުވެރި ކުރުވުމާއި، ޝާމިލު އިޤުތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ފަދަ ގުޅުންތައް ޤައުމުތަކުގެ މެދުގައި އާލާކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މި ޒިޔާރަތުގެ ސަބަބުން ދިވެހިރާއްޖެއާއި ސްރީލަންކާގެ ރައްޔިތުންގެ ދެމެދުގައި އޮތް ޒަމާންވީ ދޭދޭ ގުޅުމާއި ސަޤާފީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެއެވެ.
ސްރީލަންކާގެ ގުޑް މާކެޓަކީ ޒިންމާދާރު ކަމާއެކު ތަކެތި އުފައްދައި ބޭނުން ކުރުމަށް ބާރުއަޅާ، ދެމެހެއްޓެނިވި ވިޔަފާރިތަކަށް އެއްބާރުލުންދީ އެފަރާތްތަކުގެ އުފެއްދުންތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް އަމާޒުކޮށް ހިންގާ މާކެޓެކެވެ.

