ލޮލަށް ކުރިން ފެނުމުގެ ނިއުމަތް ލިބިފައި ހުރުމަށްފަހު އެ ނިއުމަތް ބީވެގެންދިއުމަކީ އިންތިހާއަށް ހިތްދަތި އަދި ވޭންދެނިވި އިހުސާސެކެވެ. އާއިލާއެއްގެ ޒިންމާ އުފުލަންޖެހޭ އަދި އެކަނި ގިނަ ވަގުތު ހޭދަކުރަންޖެހޭ އަންހެނަކަށް މިފަދަ ހާލަތެއް މެދުވެރިވުމަކީ އޭނާގެ ދިރިއުޅުމަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
އައްޑޫސިޓީ ހިތަދުއަށް އުފަން މަރިޔަމް އަޝްފާއަކީ ޅަޒުވާން އުމުރުގައި ދިރިއުޅުމުގެ އެތައް ތަކުލީފަކާ ކުރިމަތިލަމުންދާ ކުޑަ ދެ ކުދިންގެ މަންމައެކެވެ. 2023 ވަނަ އަހަރު އޭނާގެ ލޮލުގެ ރެޓިނާގައި "ޓޮކްސޯޕްލާޒްމާ ސްކާރ" (Toxoplasma scar) ހުރިކަން އެނގުމާ ގުޅިގެން، ރާއްޖެއާއި އިންޑިއާގެ ޓްރިވެންޑްރަމުން ފަރުވާ ހޯދި ނަމަވެސް، އެދެވޭ ނަތީޖާއެއް ވަނީ ނުލިބިފައެވެ. މިހާރު އޭނާ ހުރީ އިތުރު ފަރުވާއަށް އިންޑިއާގެ މަދުރާއީގައެވެ. ޑޮކްޓަރުން ލަފާދީފައިވަނީ ސާޖަރީ ކުރުމުގެ ކުރިން ތިން މަސް ދުވަހުގެ ފަރުވާއެއް ފެށުމަށެވެ.
އަޝްފާގެ ހާލަތު އިތުރަށް ދަތިވަނީ އޭނާގެ އާއިލީ މަސްލަހަތު ހުރިގޮތުންނެވެ. ދިރިއުޅުމުގެ އެތައް އަޑިގުޑަންތަކެއް ހުރަސްކޮށް، އެއް ކައިވެނިން ލިބުނު ހިތިތަޖުރިބާއިން ސަލާމަތްވެގެން، ރަނގަޅު ފިރިއަކާއެކު ދިިރިއުޅެނެ ފެށިތާ އަދި މާގިނަ އަހަރުތަކެއް ނުވާނެއެވެ. އަނެއްކާވެސް ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހުނީއެވެ. އަމުދުން މިހާލަތުގައި އުޅެމުންދަނީ އެކަންޏެވެ. ދޮށީ ކުއްޖާގެ ބައްޕަގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭއިރު، މިހާރުގެ ފިރިމީހާއަށްވެސް މި ދަތުރުގައި ބައިވެރިވެވޭކަށް ނެތެވެ. އެއީ ފިރިމީހާގެ މަންމަ ބަލިވެ އެނދުމަތިކުރެވިފައިވުމާއެކު ނަފުސާނީ ބައްޔެއް ތަހައްމަލުކުރަމުންދާ ފަރާތަކަށް ވެފައި، އެ މަންމަ ބަލާނެ އިތުރު މީހަކު ނެތުމެވެ. އަޝްފާ ގަބޫލުކުރާ ގޮތުގައި މިވަގުތު ފިރިމީހާގެ މަންމައަށް އެހީވުމަކީ އެންމެ އިސްކުރަން ޖެހޭ ވާޖިބުކަމަށް ފިރިމީހާ ވިސްނުން އެއީ ގޯހެއް ނޫނެވެ. މަންމަ އެހެން ހުރިހާ ޒިންމާތަކަށްވުރެ އިސްވާން ޖެހޭނެ ކަމަށް އަޝްފާ ގަބޫލު ކުރެއެވެ. އެހެންކަމުން އަޝްފާ ވަނީ ކެތްތެރިކަމާއެކު އެކަނިމާއެކަނި ދެ ކުދިން ގޮވައިގެން ފަރުވާއަށް ފުރާފައެވެ.
ކުޑަ ދެ ކުދިން ގޮވައިގެން އިންޑިއާގައި ތިން މަސް ދުވަހު މަޑުކުރުމަކީ އާދައިގެ އާއިލާއަކަށް އުފުލޭނެ ބުރައެއް ނޫނެވެ. އާސަންދައިން ހަމައެކަނި ބަލިމީހާގެ ފަރުވާގެ ހަރަދު ލިބުނު ނަމަވެސް، ކުދިންގެ ޓިކެޓާއި، ހުރުމާއި، ކެއުމުގެ ހަރަދުތައް ހަމަޖައްސަން ޖެހެނީ އަމިއްލައަށެވެ. މީގެ އިތުރުން، އާސަންދައިގެ ލިޔުމުގެ މުއްދަތު ހަމަވެފައިވުމުން، އަލުން އެކަން ހަމަޖެހެންދެން ހޭދަވާނެ މުއްދަތެއް ނޭނގޭތީ އަޝްފާ ހުރީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.
އަޝްފާގެ އެންމެ ބޮޑު ބިރަކީ އޭނާގެ ލޮލުގެ ފެނުން މުޅިން ގެއްލި، އަމިއްލަ ދަރިންގެ މޫނު ނުފެންނަ ހިސާބަށް ކަންތައް ގޮސްދާނެތީއެވެ. އޭނާގެ މަންމައަކީވެސް މިފަދަ ގޮތަކަށް ފެނުން ގެއްލިފައިވާ މީހަކަށް ވުމުން، އެ ބިރުވެރިކަން މާ ބޮޑެވެ. ޑޮކްޓަރުން އިންޒާރު ދީފައިވަނީ ފަރުވާ މެދުކަނޑާލައިފިނަމަ ފެނުން މުޅިން ގެއްލިދާނެ ކަމަށެވެ. އެހެންކަމުން، މިއީ އޭނާގެ ދިރިއުޅުމުގެ އުންމީދުތަކާ ގުޅިފައިވާ ނާޒުކު ވަގުތެކެވެ.


މަދޫރާއީއަށް އާދެވިއްޖެ، އެކަމަކު ޑޮކްޓަރު ބެއްލެވުމަށްފަހު ވިދާޅުވީ 3 މަސްދުވަހުގެ ފަރުވާއެއް ފެށުމަށް، ލޮލުގެ ސާޖަރީގެ ކުރިން ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން، 3 މަސް ފަހުންސާޖަރީ ކުރާނީ، މިހާރު މަސްދުވަސް ވެއްޖެ، އަދިވެސް 2 މަސް ހުންނަން ޖެހޭ، މިތަނުގެ ފަރުވާއަކީ އަޅުގަނޑުމެން ކަހަލަ އާދައިގެ ބަޔަކަށް އެއީ ހިތަށްވެސް ނުގެނެވޭވަރުގެ ބޮޑު ހަރަދެއް، ކިރިޔާވެސް ވަންޏާ ކުރާނީ، ނުވަންޏާ ދެން އެނބުރި ދާން ޖެހޭނީ، އެހެންވެއްޖެނަމަ އަލުން މިކޮޅަށް އައުމަށް އިތުރު ހަރަދު ކުރަން ޖެހުމުގެ އިތުރަށް ފަރުވާ މެދުކެނޑޭނީ، ދެން ފަރުވާ ކުރިއަށް ނުގެންދެވުމުން ޑޮކްޓަރުން އިންޒާރުދެއްވާފައި ވަނީ ލޮލުގެ ހާލަތު ވަރަށް ގޯސް ވެދާނެ ކަމަށް، ފަށާފައިވާ ފަރުވާ ހުއްޓާލުން ނުވަތަ މެދުކަނޑާލުމަކީ ލޮލަށް މާބޮޑަށްވެސް ގެއްލުން ވެދާނެ ކަމެއްކަން ޑޮކްޓަރުން ވަނީ ވިސްނައިދެއްވާފައި،
އެހެންވެ، މިހާތަނަށްވެސް އަޅުގަނޑަށާއި އަޅުގަނޑުގެ ދެކުދިންނަށް ހެޔޮއެދޭ ފަރާތްތަކުން ލިބުނު އެހީ އަށް ވަރަށްބޮޑަށް ހިތުގެ އަޑިން ޝުކުރު ދަންނަވަން، މިހާތަނަށް ވެސް ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު އާދެވުނު ގޮތަށް އަދިވެސް އަޅުގަނޑުމެން ތިންމައިންނަށް ތިއެންމެހާ ހެޔޮއެދޭ އަޚުންނާއި އުޚުތުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވޭ، ﷲ އަށްޓަކައި އަޅުގަނޑުގެ ލޮލުގެ ފަރުވާއަށް އެހީވެދެއްވުން އެދެން،"
"ﷲއަށްޓަކައި އަޅުގަނޑުގެ މި ފަރުވާއަށް އެހީތެރިވެދެއްވުން އެދި އާދޭސް ދަންނަވަން،" އަޝްފާގެ އާދޭހެވެ. އާއިލީ އެހީތެރިކަމެއް ނެތް މި ދަނޑިވަޅުގައި، އޭނާގެ ހަމައެކަނި އުންމީދަކީ ދީލަތި އެހީތެރިންގެ ފަރާތުން ލިބޭނެ އެހީއެވެ. ކުރިއަށް އޮތް ތިން މަސް ދުވަހުގެ ފަރުވާ ފުރިހަމަކޮށް، ދަރިންގެ މޫނު ދެކުމުގެ ނަސީބު ދެމެހެއްޓުމަށްޓަކައި އަޝްފާއަށް މިއަދު އަޅުގަނޑުމެން އެންމެންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ.
"ދީލަތި އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ އާއިލާއެއްގެ ދިރިއުޅުން އުޖާލާވެގެންދާނެ ކަމެކެވެ. އަޅުގަނޑުގެ ލޮލުގެ ފެނުން ސަލާމަތްކުރުމަކީ ހަމައެކަނި އަޅުގަނޑަށް ލިބޭނެ އުފަލެއް ނޫނެވެ. އެއީ އަޅުގަނޑުގެ ދެ ދަރިންގެ މުސްތަގުބަލަށްޓަކައިވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން، މި ބަލިން ޝިފާ ހޯދުމަށް ކުރާ ދަތުރުގައި ތިޔަބޭފުޅުންގެ ދީލަތި އެހީތެރިކަމަށް އަޅުގަނޑު އާދޭހާއެކު އެދެމެވެ. ތިޔަބޭފުޅުން ދެއްވާ ކުޑަ މިންވަރަކީވެސް އަޅުގަނޑުގެ ދުނިޔެ އަލިވުމަށް ލިބޭނެ ބޮޑު ބާރެކެވެ."
(މިލިޔުމާއެކު ޑޮކްޓަރުގެ ލިޔުންތަކާއި އައިޑީކާޑުގެ ކޮޕީ އެޓޭޗް ކުރެވިފައިވާނެއެވެ)
ދީލަތިކަމާއެކު ދިއްކޮށްލާ އެންމެ އެހީގެ އަތަކުންވެސް ދިރިއުޅުންތަކެއް އުޖާލާކޮށް ލެވިދާނެއެވެ.
މަރްޔަމް އަޝްފާ / ފޯން: 7665740 (ވައިބަރ/ ވަޓްސްއަޕް)
ޑޮލަރު އެކައުންޓް: USD. 7730000813877
MARIYAM ASHFAA
ރުފިޔާ އެކައުންޓް: MVR. 7730000201923


