ރާއްޖޭގެ ބާޒާރުން ބޭސް ލިބުމުގައި ހުރި ދަތިތަކާއި ބޭހުގެ އަގު އިންތިހާއަށް ބޮޑުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާއި ކުންފުނިތައް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމެޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ. މި ބައްދަލުވުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 11:00 އަށެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، އެސްޓީއޯއާއި އަލަށް އުފެއްދި ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ) ގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
މެންބަރު ނާޒިމް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އަސާސީ ބޭސްތައް ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރިއިރު، މިއީ ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލައި އަވަސް ހައްލެއް ހޯދަންޖެހެއެވެ. ކޮމިޓީގެ އެހެން މެންބަރުންވެސް ވަނީ ބޭސް ސިޓީއަށް ބޭސް ހޯދުމަށް ފަސް ހަ ފާމަސީއަށް ދާންޖެހުމާއި، ބައެއް ބޭސްތަކުގެ އަގު އިންތިހާއަށް ބޮޑުވެފައިވާތީ ރައްޔިތުން އުފުލަމުންދާ ތަކްލީފުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކޮމިޓީއަށް ހާޒިރުކުރާ މުއައްސަސާތައް:
- އެސްޓީއޯ
- ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
- އެންސްޕާ
- އާސަންދަ ކުންފުނި
ރައްޔިތުންނާ ސީދާ ގުޅުންހުރި މިފަދަ މުހިންމު މައްސަލަތަކުގައި މުއައްސަސާތަކުން ޖަވާބުދާރީވާ ގޮތް ހާމަކުރުމުގެ މަގުސަދުގައި، މި ކޮމިޓީ ބައްދަލުވުން ކުރިއަށްގެންދާނީ ލައިވްކޮށް ބްރޯޑްކާސްޓް ކުރާ ގޮތަށެވެ. މި ބައްދަލުވުމުގެ ސަބަބުން ބޭހުގެ ބާޒާރުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މެންބަރުން އުންމީދު ކުރައްވައެވެ.

