ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ސައިންސްގެ އަލީގައި ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށްޓަކައި ކުރިއަށްވުރެ ބޮޑަށް ދިރާސީ މައުލޫމާތު ހިމަނައިގެން އިންޑެކްސްތަކެއް ތައްޔާރުކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރަށްރަށް އިހްތިޔާރުކުރުމުގައި މިހާރުވެސް މިނިސްޓްރީން ބަލާ ހާއްސަ އޮނިގަނޑެއް އޮވެއެވެ. މި އޮނިގަނޑުގެ ތެރެއިން ރަށުގެ ބޮޑުމިނާއި، ގިރަމުންދާ މިންވަރު ފަދަ މުހިންމު ކަންކަމަށް ރިއާޔަތްކުރެވޭނެއެވެ. ނަމަވެސް، ރާއްޖެއަކީ މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމަކަށްވުމުން، މިފަދަ ތިމާވެށީގެ މައްސަލަތަކަށް ބޭރުގެ އެހީ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރަށްގިރުން ހުއްޓުވުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ހައުސިން މިނިސްޓްރީއާ ގުޅިގެންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، "ކްލައިމެޓް ޗޭންޖު ޑިޕާޓްމަންޓުންވެސް ފާހަގަކުރީ މީގައި ސައިންސްގެ އަލީގައި އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމޭ ސިޔާސަތުތައް އެކުލަވާލުމުގައި ނުވަތަ އެކިއެކި ޕްރޮގްރާމްތައް އެކުލަވާލުމުގައި،" ކަމަށެވެ. މި މަސައްކަތުގެ ދަށުން ރަށްރަށް ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާކުރެވޭނެއެވެ.
ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި ކާރިސާތަކުގެ ގެއްލުން ކުޑަކުރުމުގެ ފްރޭމްވޯކުގެ ތެރެއިންނެވެ. އެގޮތުން "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030" އެކުލަވާލައި، ދުރާލާ މޫސުމީ އިންޒާރުދޭ ނިޒާމުތައް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި ސްޓްރެޓެޖީގެ މައިގަނޑު ބޭނުމަކީ ކާރިސާތަކުން ރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމެވެ.
މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ބައިނަލްއަޤުވާމީ މައިދާނުގައި ސަރުކާރުން ދަނީ ވަކާލާތު ކުރަމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ގްރީން ކްލައިމެޓް ފަންޑުން ރާއްޖެއަށް ދޭން ނިންމި 25 މިލިއަން ޑޮލަރުގެ އެހީގައި، އދ.ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާއާ ގުޅިގެން ރާއްޖޭގެ ރަށްތަކުގައި އެލާމް ސިސްޓަމްތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

