ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ކޮލަމްބޯ ނޭޝަނަލް މިއުޒިއަމްއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތަކީ ރައީސުލްޖުމްހޫރިއްޔާ މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއުޒިއަމްއަށް ވަޑައިގަތުމުން އެތަނުން މަރުޙަބާ ދެންނެވީ މިއުޒިއަމްގެ އިސް އޮފިޝަލުންނެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިއުޒިއަމްގެ އެކި ގެލެރީތައް ބައްލަވާލައްވައި، އެތަނުގައި ބަހައްޓާފައިވާ ތާރީޚީ އަދި ސަގާފީ ތަކެއްޗާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ސަގާފީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ޒިޔާރަތެކެވެ. ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

