ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އަމާޒުކޮށްގެން، ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިފިއެވެ. މި ޚިދުމަތްތައް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ކުރެއްވި ޒިޔާރަތުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހައިކޮމިޝަނަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދުއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހައިކޮމިޝަންގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވުމަށްފަހު، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.
ޚިދުމަތް އިފުތިތާހުކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް އެ ޤައުމުން ދޫކުރި ފުރަތަމަ ޕާސްޕޯޓް ރަސްމީކޮށް ހަވާލުކޮށްދެއްވާފައެވެ. ސްރީލަންކާއަކީ ރާއްޖެއިން ބޭރުގައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފެށި ދެވަނަ ޤައުމެވެ. މީގެ ކުރިން މި ޚިދުމަތް ފަށާފައިވަނީ މެލޭޝިއާގައެވެ.
ސްރީލަންކާއަކީ ވަރަށް ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމަކަށް ވާއިރު، އަލަށް ފެށި މި ޚިދުމަތްތަކާއެކު ލަންކާގައި ތިބެގެން ފަސޭހަކަމާއެކު ޕާސްޕޯޓާއި އައިޑީ ކާޑު ލިބޭނެ އިންތިޒާމް މިވަނީ ހަމަޖެހިފައެވެ. ސަރުކާރުން އަންނަނީ ދިވެހިން އާންމުކޮށް ގޮސް އުޅޭ އެހެން ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިހާރު ވަނީ މި ޚިދުމަތްތައް ޤާއިމްކޮށްފައެވެ.
ހައިކޮމިޝަނަށް ކުރެއްވި ޒިޔާރަތުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާގައި ހުންނަ ދިވެހި މަރުކަޒު، ސޯސަންވިލާއަށާއި ސްރީލަންކާގެ ނެޝަނަލް މިއުޒިއަމްއަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

