މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) ގެ އުފެއްދުންތައް ސްރީލަންކާގެ ބާޒާރަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މިފްކޯގެ އުފެއްދުންތައް ތަޢާރަފްކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މި މަޝްރޫޢުގެ ދަށުން ސްރީލަންކާގެ ރައްޔިތުންނަށާއި އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ފަސްމީރު ބްރޭންޑްގެ ވަޅޯމަހާއި، އެކި ބާވަތްތަކުގެ މަސްދަޅާއި، ރިހާކުރު އަދި މުގުރި މަސް ހިމެނެއެވެ.
މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ޒަމާނީކޮށް، އިޤްތިޞާދީ ގޮތުން ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެކެވެ. ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރުގައި އިތުރަށް އިޝްތިހާރުކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން “ފްރޮމް މޯލްޑިވްސް” ގެ ނަމުގައި ޤައުމީ ބްރޭންޑެއް ތަޢާރަފްކުރުމާއި، މަސްވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމަށް ޚާއްޞަ ކޯޕަރޭޝަނެއް އުފެއްދުން ފަދަ ކަންކަން ސަރުކާރުގެ ޕްލޭންގައި ހިމެނެއެވެ. މިފަދަ ފުރުޞަތުތަކުގެ ސަބަބުން ދިވެހި މަސްވެރިންގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުން ރަނގަޅު އަގު ލިބިގެންދާނެއެވެ.

